ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގެ ގޮތުގައި ސިފަކުރަމުން އަންނަ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ކޭހެއް ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފިއެވެ.

ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)އިން މިއަދު ބުނީ، ކޮކްސް ބާޒާރު ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓްވެފައިވަނީ ބަންގްލަދޭޝްގެ އަންހެނެއް ކަމަށާ، އެމީހާ ޕޮޒިޓިވްވެފައިވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

މިލިއަނެއްހާ ރޯހިންޏާ ރެފިއުޖީން ދިރިއުޅެމުންދާ ކޮކްސް ބާޒާރު ސަރަހައްދާ އެންމެ ކައިރީގައިވެސް ސިއްހީ ހިދުމަތް ލިބޭ ހޮސްޕިޓަލެއް ހުންނަނީ ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ދުއްވައިގެން ދެވޭހާ ދުރުގައެވެ.

ޔޫއެންއެޗްސީއާރްގެ ކޮމިއުނިކޭޝަންސް އޮފިސަރެއް ކަމަށްވާ ލުއީޒް ޑޮނޮވަން ވިދާޅުވީ، ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ރެފިއުޖީ އާބާދީއިން ކޮވިޑް-19އަށް ޕޮޒިޓިވް މީހަކު އަދި ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ރެފިއުޖީންގެ މެދުގައި ޕޮޒިޓިވް ކޭހެއް އަދި ނެތެއްކަމަކު، ވަރަށް ސީރިއަސްކޮށް ހާލަތު މޮނިޓާ ކުރަމުންދާ ކަމަށާ، ރެފިއުޖީންގެ ސަލާމަތާ ރައްކާތެރި ކަމަށް، ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ޑޮނޮވަން ވަނީ ވިދާޅުވެފައެވެ.

ރެފިއުޖީ ކޭމްޕު ސަރަހައްދުގައި ދެމުން ދިޔަ ގިނަ ހިދުމަތްތައް މިހާރު މެދުކަނޑާލާފައިވާކަމަށާ، އެއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްކަމަށްވެސް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިޔަންމާއިން އައި ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތުގައި ބަންގްލަދޭޝްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކޮމިޝަނަރު މެހެބޫބު އައްލާމް ތަލުކްދީރު ވިދާޅުވީ، އަސާސީ ހިދުމަތް ނޫން އެހެން ހުރިހާ ހިދުމަތެއް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އެގޮތުން އެޑްވޮކަސީ މަސައްކަތާ، ތައުލީމު ފޯރުކޮށްދިނުމާ ގުޅޭ ހުރިހާ ހިދުމަތެއްވެސް ހުއްޓުމަކަށް އަންނާނެ ކަމަށާ، މީގެ ތެރޭގައި އެންޖީއޯތަކުން ދެމުންދާ ހިދުމަތްތައްވެސް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރޯހިންޏާ އެމާޖެންސީ އެކްޓިވިސްޓެއް ކަމަށްވާ ނޭ ސާން ލްވިން ވިދާޅުވީ ބާޒާރުތައް ބަންދުކުރުމުގެ ސަބަބުން، ކޭމްޕުގައި ދިރިއުޅޭ ބައެއް އާލާއިލާތަކަށް ބޭނުންވާ ސާމާނު ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. ބާޒާރުތައް ބަންދުކޮށްފައިވާއިރު ތަކެތީގެ އަގުވެސް އުފުލެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ކޮމިޝަނަރު ވިދާޅުވީ ކޭމްޕުތަކަށް މީހުން ވަދެ ނިކުމެވުން މިހާރުވެސް ކޮންޓްރޯލް ކޮށްފައިވާކަމަށެވެ.

ކޮވިޑް-19ގެ ޕޭޝަންޓުންނަށް 47 އެނދެއް މިހާރުވެސް ކަނޑައަޅާފައިވާކަމަށާ، ސްޓޭންޑްބައިގައި 342 އެނދެއް އެބަހުރި ކަމަށްވެއެވެ. އަދި ކޭމްޕުގައި ދިރިއުޅޭ އާއިލާއަކަށް ޒިޔާރަތްކުރުމަށް އޮސްޓްރޭލިއާއިން އައި ބަޔަކު ކަރަންޓީނުކޮށްފައިވާކަމަށްވެސް ބަންގްލަދޭޝްގެ ކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.