ޕާކިސްތާނުގައި މެޑިސިން ކިޔަވަމުން ދާ ހަ ދަރިވަރަަކު ރާއްޖެ އައުމަށް ރޭ ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން ބުނީ މިނިސްޓްރީގެ އެހީތެރިކަމާއެކު އެ ހަ ދަރިވަރުން ރޭ ފުރާފައިވާ ކަމަށާއި މިރޭ ރާއްޖެ އަންނާނެ ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވާ ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ސިއްހީ ޕްރޮފެޝަނަލުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިކުރުމަށް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ. ރާއްޖެއިން ބޭރުން އަންނަ ދިވެހިންވެސް މިހާރު ސަރުކާރުން ކަނޑައަޅާތަނެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ނޭޕާލުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން އެގައުމުގައި ޑޮކްޓަރުކަން ކިޔަވަން ތިބި 51 ދަރިވަރުންގެ ތެރެއިން 33 ދަރިވަރަކު ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސްފައި ވާއިރު އަމިއްލަ ހަރަދުގައި 10 ދަރިވަރަކު ވަނީ ރާއްޖެ އައިސްފައެވެ. އަދިވެސް ނޭޕާލުގައި 17 ދަރިވަރަކު ނާދެވިފައި އެބަ ތިއްބެވެ.
ކޮވިޑް-19 އާ ގުޅިގެން، ގައުމެއްގައި ހުރި ދިވެއްސަކު އެ ގައުމުން ނިކުންނަން ޖެހޭ ހާލަތެއް އައިސްފި ނަމަ ދިވެހި ސަރުކާރުން ރެސްކިއު ފުލައިޓެއް ބާއްވައިގެން ނަމަވެސް އެ މީހަކު އަނބުރާ ގައުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ހުސް ބިދޭސީންނެވެ. ނަމަވެސް ޔޫއޭއީގައި ދިރިއުޅޭ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ރޭ ވަނީ ބުނެފައެވެ.
ރާއްޖޭއިން މިހާތަނައް ދިވެއްސަކު ޕޮޒިޓިވެ ވެފައި ނުވާއިރު، ޖުމްލަ 13 ބިދޭސީން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅު ވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ 8 ފަރާތެއް ތިބި އިރު އެމީހުންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެއެވެ.