ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ޗައިނާގައި ކޮންޓްރޯލްވެ އާންމު ދިރިއުޅުމުގެ ހާލަތަށް ރުޖޫއަވާން ފަށާފައިވާއިރު، އެތަނެއްގެ ރަމްޒުން ޗައިނާ އެންމެ މަޝްހޫރުވެފައިވާ 'ގްރޭޓް ވޯލް އޮފް ޗައިނާ' ނުވަތަ ޗައިނާގެ ބޮޑު ފާރު ހިމެނޭ ސަރަހައްދު، އާންމުންނަށް ވަދެވޭނެހެން ހުޅުވާލައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން ޗައިނާގެ އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބޮޑު ފާރު ސަރަހައްދުން ބައެއް ހުޅުވާފައިވަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން ހަވީރު 04:00ގެ ނިޔަލަށެވެ. މި އުސޫލުން ހުޅުވަން ހަމަޖެހިފައިވަނީ ބޭއި ލިއު ލޯއިން ނާން ވޫ ލޫބާންއާ ދެމެދު އޮތް ސަރަހައްދު ކަމަށް މައުލޫމާތު ލިބެއެވެ.
ވެރިރަށް ބެއިޖީންގްއިން ފެށިގެން ގާތްގަނޑަކަށް 43 މޭލަށް ދެމިގެންދާ މި ސަރަހައްދަކީ ބޮޑު ފާރު ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަގުބޫލު އެއް ސަރަހައްދެވެ. މި ސަރަހައްދަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވާން ފެށުމުން، 2019 ވަނަ އަހަރުގެ ޖޫން މަހު ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ، މި ސަރަހައްދަށް އެންމެ ގިނަވެގެން އެއް ދުވަހާ ވަދެވޭނީ 65000 މީހުން ކަމަށް ކަނޑައަޅާފައެވެ.
ކޮވިޑް-19ގެ ކާރިސާ ޗައިނާގައި މަޑުޖެހެމުންދާއިރު މި ސަރަހައްދަށް މިވަގުތު ވަނުމުގެ ހުއްދަ އޮންނާނީ ޖޫން މަހު ކަނޑައެޅި އަދަދުގެ 30 ޕަސެންޓް މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ސަރަހައްދަށް ޒިޔާރަތް ކުރުމަށް ދުރާލާ ޓިކެޓެއްވެސް ނަގަންޖެހެއެވެ. އަދި އެމީހަކީ ސިއްހަތު ސަލާމަތުން ހުރި މީހެއްކަން ކަށަވަރުކޮށްދޭ ލިޔެކިއުންތައްވެސް ހުށަހަޅަންޖެހެއެވެ.
ސިއްހީ ހިދުމަތްތެރިންނާ އަސްކަރިއްޔާގެ މެމްބަރުން މި ސަރަހައްދަށް ޒިޔާރަތްކުރުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހުނު ކަމުގައި ވީނަމަވެސް ހެލްތް ރެކޯޑްސް ހުށަހަޅަންޖެހެއެވެ.
ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޗައިނާގެ ބޮޑު ފާރު އާންމުންނަށް ނުވަދެވޭނެހެން ބަންދުކުރީ ކޮވިޑް-19ގެ ބަލިމަޑުކަން ޗައިނާގައި އެންމެ ނުރައްކާވެގެންދިޔަ ދުވަސްވަރުއެވެ. ޗައިނާގެ ބޮޑު ފާރު ބަންދުކުރީ މިއަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ޗައިނާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒީޓިވްވެފައިވަނީ 47 މީހެކެވެ. އަދި މަރުވެފައިވަނީ 4 މީހެކެވެ.