ތެލަސީމިއާ އަކީ ވާރުތަވާ ބައްޔެކެވެ. މި ބަލީގައި ލޭގައި ހިމެނޭ ހެމޮގުލޮބިން (އެޗްބީ) ފުރިހަމައަށް އުފައްދާ ނުދެނީއެވެ. ހެމޮގުލޮބިންއަކީ ރެޑްބްލަޑް ސެލްގަި ހިމެނޭ ޕްރޮޓީން މާއްދާއެކެވެ. އެ މާއްދާގެ ސަބަބުން ހަށިގަނޑުގެ ހުރިހާހިސާބަކަށް އޮކްސިޖަން ފޯރުކޮށްދެއެވެ. މިމާއްދާ އުފެދިފައިވަނީ ދެ ބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލަސީމިއާއަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލަސީމިއާ އަށެވެ. މީގެތެރެއިން ދިވެހިރާއްޖޭގައި އެންމެ އާންމު ވައްތަރަކީ ބީޓާ ތެލަސީމިއާއެވެ.
މުޅި އުމުރަށް ލޭ އަޅަންޖެހޭ، ލޭގެ އުނިކަމެއް ކަމަށްވާ ތެލެސީމިއާ ކުދިންގެ އަދަދު ރާއްޖޭގައިވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެއިންވެސް ފެނިފައި ވާއިރު، ރާއްޖޭގައި ތިބި ތެލަސީމިއާ ކުދިންނަށް ލޭ ލިބުން ވަނީ ދަތިވެފައެވެ.
"ދަ ޕްރެސް"އަށް ތެލަސީމިއާ ދެ ކުއްޖަކު ވަނީ އެމީހުންގެ ވާހަކަތައް ހިއްސާ ކޮށްފައެވެ.
ތެލެސީމިއާ ހުރެގެން ލޭ އަޅަމުންދާ އަތޮޅު ތެރޭގެ ކުއްޖެއްގެ ވާހަކަ ހިއްސާ ކުރަމުން އޭނާ ބުނީ، އޭނާ އަކީ އުމުރުން 10 އަހަރުން ފެށިގެން މަހަކު އެއްފަހަރު ލޭ އަޅަމުން އައިސް މީހަކާ ކައިވެނި ކުރި ހިސާބުން ދިރިއުޅުން ބަދަލަވި މީހެއް ކަމަށެވެ. މިހާރު އުމުރުން 25 އަހަރު ވެފައި ވާއިރު، މަހަކު އެއް ފަހަރު ގަޔަށް އަޅަމުން އައި ލޭ، މީހަކާ އިނުމުން ކޮންމެ 15 ދުވަހަކުން އަޅަން ޖެހޭ ކަމަށް އޭނާ ކިޔައިދިނެވެ. މީގެ އިތުރުން ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލް ކުރުމަށް ހަފަތާއަކު 6 ދުވަހު ޑެސްފަރޯލް (ފަޔަށް ނޫނީ އަތައް ޖަހާ އިންޖެކްޝަނެއް) ގުޅަން ޖެހޭ ކަމަށާއި އެއީ 12 ގަޑިއިރު ޓްރީޓްމަންޓެއް ކަމަށް ކިޔާއިދިނެވެ.
ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރަކަށް ވުމުން އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ކިޔައިދިނެވެ. ބައެއް ފަހަރު ސްކޫލުގައިވެސް ޑެސްޕަރޯލް ބޭނުން ކުރަން ޖެހުމަކީ އެންމެ އުނދަގޫވާ ކަން ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އަމިއްލަ ރަށުގައި ލޭ އެޅޭނެ ވަސީލަތެއް ނުހުންނަ ކަމަށާއި އަބަދުވެސް ދާން ޖެހެނީ ކައިރި ރަށަކަށް ކަމަށް އޭނާ ބުނެއެވެ. ކިތަންމެ ކަނޑު ގަދަ ނަމަވެސް އެނޫން ގޮތެއް ނޯންނަ ކަމަށާއި އެކަމަށް އަވަސް ހައްލެއް ލިބުމަށް އެދޭ ކަމަށް އޭނާ ބުނެއެވެ. މިހާރު ދޭ ލިބުން ދަތިވެފައިވާކަން ފާހަގަ ކުރަމުން އޭނާ ބުނީ ގިނަ ފަހަރައް ލޭ ދިނުމުގައި އެހީތެރި ވަނީ ކައިރި ރިސޯޓު ތަކުގެ މީހުން ކަމަށެވެ.
ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމުން ކުރިން ލޭ ދޭ މީހުންވެސް އެކަމަށް ދެކޮޅު ހަދާ ކަމަށް އޭނާ ބުނެއެވެ. އެގޮތުން ލޭ ދިނުމަށް ހޮސްޕިޓަލަށް ދިއުމަށް ދެކޮޅު ހަދާ ކަމަށާއި ބިރުގަންނަ ކަމަށް އެމީހުން ބުނާ ކަމަށް އޭނާ ކިޔައިދިނެވެ. ސަބަބަކީ ބިދޭސީން ހޮސްޕިޓަލް ތަކަށް ޑޮކްޓަރަށް ދެއްކުމަށް ގޮސް އުޅޭތީ ކަމަށާއި އާއިލާ އާއި ދުރުގައި އުޅެނިކޮށް ކޮވިޑް ގެ ޝިަކާރައަކަށް ވާން ނޭދޭތީ ކަމަށް އެމީހުން ބުނާ ކަމަށް އޭނާ ކިޔައިދިނެވެ.
ތެލަސީމިއާ ބަލީގެ ޝިކާރައަކަށް ވެފައިވާ، މާލޭގައި ދިރިއުޅޭ ކުއްޖަކު ކިޔައިދިން ގޮތުގައި އޭނާގެ އުމުރުން 3 މަހުން ފެށިގެން ލޭ އަޅަމުން އަންނަ ކަމަށެވެ. މިހާރު އުމުރުން 22 އަހަރު ވެފައި ވާއިރު މަހަކު 3 ފަހަރައް ލޭ އަޅަމުން އަންނަ ކަމަށް އޭނާ ބުނެއެވެ.
މަހެއްގެ މައްޗައް 3 ފަހަރައް ލޭ އަޅަމުން އަންނަ އިރު، މިހާރު ދުނިޔެއަށް ދިމާވެފައި މިވާ ބަލިމަޑުކަމުގެ ތެރެއިން ލޭ ލިބުން ދަތިވެފައި ވާކަން އޭނާގެ ވާހަކައިން ވަނީ ފާހަގަ ވެފައެވެ. އެގޮތުން ކުރިން ލޭ އަޅަމުން އައި ދުވަހަށް ލޭ ލިބޭ ނަމަވެސް މިހާރު ލޭ ހޯދަން ބުނާ ދުވަހުގެ ހަފްތާއެއް ފަހުންވެސް ލޭ ލިބޭ ކަމަށް އޭނާ ބުނެއެވެ.
ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމަށް އާންމުންގެ އެހީތެރި ކަމަށް ތެލަސީމިއާ ސެންޓަރުން އަދިވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީރު ވިދާޅުވެފައި ވަނީ ލޭ އަޅާ ކުދިންނަށް އެންމެ ބޮޑަށް ލޭ ހޯދުމުގައި އެހީތެރިވާ ބަޔަކީ ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުން ކަމަށާއި މިހާލަތުގައި އެކަން އެގޮތަށް ކުރެވެން ނެތުމުގެ ސަބަބުން އާންމުންގެ ތެރެއިން އެހީވެވޭނެ ފަރާތްތަކުން ލޭ ހޯދުމަށް އެހީތެރިވުމަށް އެދޭ ކަމަށެވެ.
ލޭ ހަދިޔާ ކުރުމަށް އާންމުންގެ އެހީތެރިކަމަށް ތެލަސީމިއާ ސެންޓަރުން އެދިފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން ތެލަސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެ، ސަރުކާރުގެ އިލްތިމަސާއެކު މިހާރު ވަނީ ހަފްތާއަކަށް ބޭނުންވާ ވަރަށް ލޭ ލިބިފައިވާ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ތެލެސީމިއާ ހާލަތު ދެނެގަތުމަށް 1988 ވަނަ އަހަރުން ފެށިގެން ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) ގެންދަނީ އެތައް ޕްރޮގްރާމެއް ހިންގަމުންނެވެ. ރިސޯޓުތަކާއި އާންމުން ދިރިއުޅޭ ރަށްރަށުގައިވެސް ލޭ ހޯދުމަސް ގިނަ ޕްރޮގްރާމް ތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ތެލަސީމިއާގެ ހާލްތު ރާއްޖޭގައި ރަނގަޅު ކުރުމަށް ޝީ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ޝީ އިން ޑީއެންއޭ ޓެސްޓް ކުރުމުގެ ހިދުމަތް ދޭން ފަށާފައި ވަނީ 2005 ވަނަ އަހަރެވެ.
ރާއްޖޭގައި އެންމެ ފުރަމަތަ ތެލަސީމިއާ ބަލި ފާހަގަވި ހިސާބުން ފެށިގެން މިކަމަށް ހައްލެއް ހޯދުމަށް ރާއްޖޭގެ ސަރުކާރާއި އަމިއްލަ ޖަމިއްޔާ ތަކުން ތަފާތު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ދާއިމީކޮށް ބޭނުންވާ ބޭސް ލިބޭނެ ގޮތް އަދި ލޭއެޅޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައި ވާއިރު ތެލަސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި މިކަމާ ގުޅޭ ހާއްސަ ގާނޫނެއް ވެސް 2012 ވަނަ އަހަރު ވަނީ ފާސްކޮށްފައެވެ. އެ ގާނޫނުގެ ދަށުން ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ކައިވެނި ކުރަން ބޭނުންވާ ދެ މީހުން ތެލަސީމިއާ އަށް ޓެސްޓް ކުރަން ޖެހެއެވެ.