ރަޝިއާއިން ސާމްޕަލް ނެގި ތިން ވަނަ މީހާގެ ސާމްޕަލްވެސް ނެގެޓިވް ވެފައިވާ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ސާމްޕަލް ނުލިބޭ ތިންވަނަ މީހާގެ ސާމްޕަލްވެސް ލިބިފައިވާ ކަމަށާއި އެ މީހާގެ ސާމްޕަލްވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

އެ ތިން މީހުންގެ ނަތީޖާވެސް ނެގެޓިވް ވެފައިވާއިރު، އެ ތިން މީހުން ވެސް ކަރަންޓީނުކޮށްފައި ވަނީ އެމީހުންގެ ގައިގައި ބަލީގެ އަލާމާތް ހުރިކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ފެންނާތީ ކަމަށާއި އެމީހުން ކަރަންޓީނު ކޮށްފައި ވަނީ 10 ދުވަހުގެ މުއްދަތަކަށް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ރަޝިއާ އަކީ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ގައުމެކެވެ. އޭގެ ތެރެއިންވެސް ގިނައީ ސިއްހީ ދާއިރާއިން، ޑޮކްޓަރުކަން ކިޔެވުމަށް ގޮސް އުޅޭ ދިވެހިންކަން ފާހަގަ ވެއެވެ.

އަންނަ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ބޭރު މީހުން އެތެރެވުން މަނާކޮށްފައިވާ ނަމަވެސް، ރަޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ނިސްބަތުން މަދުކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އެގައުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 495 އެވެ. ނަމަވެސް، އެ ގައުމުގައި އޮތް ހަގީގީ ހާލަތު ފޮރުވަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ރަޝިއާ ސަރުކާރަށް އަމާޒު ކުރަމުންނެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ރަޝިއާއަށް ދަތުރުކުރާ ދިވެހިންގެ އިތުރުން އެ ގައުމުގައި މިވަގުތު ތިބި ދިވެހިންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލައިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ހުސް ބިދޭސީންނެވެ. ޖުމްލަ 13 މީހުން ޕޮޒިޓިވް ވެފައިވާ އިރު 5 މީހަކު ވަނީ ރަނގަޅު ވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ 8 ފަރާތެއް ހުރި އިރު އެމީހުންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެއެވެ.