އިއްޔެ ރާއްޖެއަށް އައި މީހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 54 ދިވެހިންނާއި 133 ފަތުރުވެރިން އައިސްފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އިއްޔެ ރާއްޖެއަށް އައި މީހުންގެ ޖުމްލަ އަދަދަކީ 187 ކަމަށެވެ. އެ ގޮތުން 54 ދިވެހިންނާއި 133 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. އެހެނިހެން ވިސާގެ ދަށުން އިއްޔެ އެއްވެސް ބިދޭސީއަކު އައިސްފައެއް ނުވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިހާރު ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވާ އިތުރު ފަރާތްތައް ކަރަންޓީން ކުރުމަށް ވަނީ ނިންމާފައެވެ. މިއަދުގެ މެންދުރާ ހަމައަށް ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުންގެ އަދަދަށް ބަލާއިރު، ކަރަންޓީން ފެސިލިޓީގައި ޖުމްލަ 574 ފަރާތަކާއި އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 19 ފަރާތެއް އެބަ ތިއްބެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގެ ޖާގައަށް ބަލާއިރު ވެލިދޫގައި 118 ކޮޓަރި އަދި ފަރުކޮޅުފުށީގައި 49 ބެޑް ހުރެއެވެ. ކަރަންޓީން ފެސިލިޓީގެ ގޮތުގައި 10 ރަށެއް ހަމަޖައްސާފައިވާ އިރު ޖުމްލަ އެނދުގެ އަދަދަކީ 830 އެވެ.
ނަމަވެސް މިހާރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ 126 ޖާގައިގެ ހުޅުލޭ އައިލެންޑް ހޮޓެލް ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމާފައެވެ. މިހާރު އެ ތަނުގައި ކަރަންޓީން ކުރެވިފައިވާ މީހުން އެހެން ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައިވަނީ ބިދޭސީންގެ ފަރާތުންނެވެ. ޖުމްލަ 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު 5 މީހަކު މިހާރު ވަނީ މިބަލިން ރަނގަޅުވެފައެވެ.