ރާއްޖޭގެ ބޯޑަރު ބަންދުކުރަން އަދި މިހާތަނަށް ނިންމާފައި ނުވާކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮންމެ ދުވަހަކު ހާލަތު ބަލަމުން ގެންދާ ކަމަށާއި ބޯޑަރު ބަންދު ކުރަން އަދި މިހާތަނަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރާއްޖޭގެ އެތައް ބަޔަކު ބޭރުގައުމުތަކުގައި ތިބިއިރު ބޯޑަރުތައް ބަންދުކުރީކަމަށް ބުނެ ހަބަރު ފެތުރުމުން އެކަމުގެ ސަބަބުން އުފެދޭ ހާސްކަމާއި ބިރުވެރި ކަމަކީ ކުޑަ ކަމެއް ނޫން ކަމަށާއި ހަގީގަތާއި ހިލާފު ދޮގު ހަބަރުތައް ފެތުރުމުގެ ބަދަލުގައި ޒިންމާދާރު ކަމާއެކު ތެދު މައުލޫމާތު ހިއްސާކުރުމަށް މަބްރޫކް ވަނީ އެދިލައްވާފައެވެ. މިފަދަ ހަބަރުތައް ގެނައުމުގެ ކުރިން ކަމާއި ބެހޭ ފަރާތްތަކާއި ގުޅުއްވައިގެން ސައްހަ މައުލޫމާތު ހޯއްދެވުމަށްފަހު ހަބަރު ފެތުރުމަށްވެސް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މަބުރޫކު މިރޭ މިހެން ވިދާޅުވެފައިވާއިރު، ބޯޑަރު ބަންދުކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރާއްޖޭގެ ފަތުރުވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާ ލަފާ ދެއްވާފައިވާކަމުގެ އަޑުތައްވަނީ ފެތުރެން ފަށާފައެވެ. އަދި އެ ލަފާގެ މަތިން ސަރުކާރުން ބޯޑަރު ބަންދު ކުރުމަށް ވިސްނަމުންދާ ކަމަށް ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވާ ކަމަށް ބައެއް ހަބަރުތަކުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު އަންނަ ފްލައިޓްތައް ވަރަށް ބޮޑަށް މަދުވެފައިވާއިރު، ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންވެސް ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. އިއްޔެ ރާއްޖެއަށް އެކި ގައުމުތަކުން ރާއްޖެއަށް ޖުމްލަ އެތެރެވެފައިވަނީ 187 މީހެކެވެ. އޭގެ ތެރެއިން 133 މީހަކީ ޓޫރިސްޓުންނެވެ. ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.