މިހާތަނަށް ކަނޑައެޅިގެން ވަކި ފަރުވާ އެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް އަވަށްޓެރި އިންޑިއާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެގައުމުން 511 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި 10 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިއާއެކު ކުރިއަށް އޮތް ދުވަސްވަރަކީ އިންޑިއާއަށް ނުރައްކާ ބޮޑުވެގެންދާނެ ދުވަސްތަކެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް ލިބެމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ފެންނަނީ އެފަދަ މަންޒަރެކެވެ.
ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ވަނީ އިތުރު
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އެރުމަށް އިންޑިއާގައި ހޭދަވީ 40 ދުވަހެވެ. 100 ކޭހަށް މިއަދަދު އިތުރުވީ ވިދިގެން އައި 4 ދުވަހުގެ ތެރޭގައެވެ. ދެން ޖެހިގެން އައި 3 ދުވަހު ޕޮޒިޓިވްވި މީހުންނާއެކު މިއަދަދު 150 އަށް އިތުރުވިއެވެ. އަދި އޭގެ އެންމެ 2 ދުވަސް ފަހުން، ކޮވިޑް-19އަށް އިންޑިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200 އަށް އެރިއެވެ.
އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް މިހާރު 2 ގުނަ އިތުރު ވަމުން ދަނީ 5 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގައެވެ. މިމަހުގެ ކުރީކޮޅު މި ނިސްބަތް އުޅުނީ 6 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. މިއާއެކު އިންޑިއާވެސް މިސްރާބު ޖަހާފައި މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ އެމެރިކާ ފަދަ ގައުމުތަކާ އެއް ލިސްޓަކަށެވެ. އެމެރިކާގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 2 ގުނަ އިތުރުވާން ނަގަނީ 2 ދުވަހުގެ މުއްދަތެކެވެ.
އިޓަލީވިލާތުގެ ހާލަތަށް ބަލާލަމާތޯއެވެ. އިޓަލީވިލާތުން ކޮވިޑް-19 ފެނިގެން އެންމެ ފުރަތަމަ ރިޕޯޓްކުރީ ދެކުނު ކޮރެޔާއިން މިފަދަ ކޭހެއް ފެނިގެން ރިޕޯޓްކުރިތާ 10 ދުވަސް ފަހުންނެވެ. ޖެހިގެން އައި 20 ދުވަހު އިޓަލީވިލާތުގައި މިއަދަދު އުޅުނީ 10 އަކަށްވުރެވެސް ދަށުގައެވެ. ނަމަވެސް ދެކުނު ކޮރެޔާގައި އޭރު ބަލިމަޑުކަން ފެތުރިގެން ދިޔައީ އިންތިހާ ހަލުވި މިނެއްގައެވެ. އޭގެ ފަހުން ޖެހިގެން އައި ހަފުތާ ވެގެންދިޔައީ ނަމާންކަމުގެ ސާލެއްގައި އިޓަލީވިލާތް ގައިދުކޮށްލި ހަފުތާއަކަށެވެ. އިޓަލީވިލާތުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވަމުންދިޔައީ އެތައް ސަތޭކަ ގުނައަކުންނެވެ. އޭރު ދެކުނު ކޮރެޔާއިން އޮތީ ކޮވިޑް-19ގެ ކާވް 'ފްލެޓް' ކުރަން ފަށާފައެވެ. ނަމަވެސް އިޓަލީވިލާތުގެ މަސްރަހު ދިޔައީ ގޯހުން ގޯހަށެވެ. ސިއްހީ ނިޒާމު އިނދަޖެހުނެވެ. ކަންމިހެން އޮތްއިރު އިންޑިއާއަށް މިވަނީ، އިޓަލީވިލާތުގެ ކޮވިޑް-19ގެ ރޮނގު ދަތުރުކުރި މިސްރާބު ނޫން އެހެން މިސްރާބަކަށް ހާލަތު ބަދަލުކުރަން މަޖުބޫރުވެފައެވެ. ދަނޑިމާރުއަޅައިގެންވެސް އިޖުތިމާއީ ގައިދުރުކަމާ ކާފިއުގެ އަމުރުތައް ތަންފީޒުކުރަން މަޖުބޫރުވެފައެވެ.
ތަފާސް ހިސާބުތަކުން މި ފެންނަނީ އިންޑިއާއިން ކޮވިޑް-19އަށް ޓެސްޓުކޮށް، ނަތީޖާ ކަށަވަރުކޮށްފައިވާ ތަފާސް ހިސާބުތަކެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އެއް ފަސްގަނޑަކަށް ގުޅިފައި އޮތް އިންޑިއާގައި އަދި މިކަމުގެ މައުލޫމާތުވެސް އެންމެ ރަނގަޅަށް ނޭނގޭ ކިތަންމެ ބަޔަކު ތިބެދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑެވެ. މިއާއެކު ކޮވިޑް-19އަށް ޓެސްޓުކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންގުޅޭ އުސޫލުތަކަށްވެސް މިވަނީ ބަދަލުތަކެއް ގެންނަންޖެހިފައެވެ. މިދިމާލަށް އިންޑިއާ ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރު މިހާރުވަނީ ފެންނަން ފަށާފައެވެ. އެގޮތުން ބަލިޖެހިފައިވާ މީހަކާ ގާތް ކޮންޓެކްޓެއް ވެފައި ނެތް މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ހުޅުގަނޑުފަޅައިގެން ދިއުން
މިހާރު ލިބިފައިވާ މައުލުމާތަށް ބަލާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ޖެހި ހިސާބުތަކުގެ ނަތީޖާއަށް ބަލާއިރު، ބަލި ޖެހޭ މީހުންގެ ތެރެއިން މަރުވެދަނީ 3.4 ޕަސެންޓް މީހުންނެވެ. ކަންމިހެން އޮތްއިރު އިންޑިއާއިން މިހާރު މިސްރާބު ޖަހާފައިވާ ގޮތުން މެއި މަސް ނިމޭއިރު އެގައުމުން ގާތްގަނޑަކަށް 1 މިލިއަން މީހުން މި ވައިރަހަށް ޕޮޒިޓިވްވެ، 30000 މީހެއްގެ ފުރާނަ ގެއްލިދާނެއެވެ. ބައޮ-ސްޓެޓިސްޓީޝަންސް ނުވަތަ ގުދުރަތީ ދިރުންތަކުން ލިއްބައިދޭ ތަފާސް ހިސާބުތަކަށް ބަލައިގެން ހިސާބުޖަހާ ތަޖުރިބާކާރުންގެ ޓީމަކުން ހެދި ހިސާބުތަކުގެ ނަތީޖާ ދައްކާ ގޮތުން، މެއި މަހުގެ 15 ވަނަ ދުވަސް އަންނައިރު އިންޑިއާއިން 1 މިލިއަން ކޭސް ފެނުން އެކަށީގެންވެއެވެ.
އެއްދުވަހާ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާ، ފުޅާދާއިރާއެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމުތައް އަދިވެސް ހަމަޖެހިފައި ނެތުމަކީ، މި އަދަދުތައް އަދިވެސް އިތުރުވުމަށް ފުރުސަތު ފަހިކުރާ ސަބަބުތަކެކެވެ. ދެނެނުގަނެވިވާ ކޭސްތަކުގެ އަދަދު 8 ގުނަ އިތުރުވާކަމަށް ވަނީނަމަ، އިންޑިއާގެ ސޮފްޓްވެއާ ވިޔަފާރިވެރިޔާ މަޔާންކް ޗްބްރާ ލަފާކުރާ ގޮތުގައި، މެއި މަސް ނިމޭއިރު އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 5 މިލިއަނަށް އަރާ، މަރުވި މީހުންގެ އަދަދު 1.7 ލައްކައަށް އަރާނެއެވެ.
ކުރިއަށް ދުވަސްތަކުގެ ހަގީގީ ނުރައްކާ ގިނަ މީހުންނަށް ފަހުމް ނުވުމަކީ ބިރުހުރި ކަމެކެވެ. މިއީ މުހިންމު ހިސާބުތަކެކެވެ. ވަކިން ހާއްސަކޮށް އިންޑިއާ ފަދަ ގައުމެއްގައެވެ.
ސިއްހީ ނިޒާމު އިނދަޖެހުން
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން 2017 ވަނަ އަހަރު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެގައުމުގެ ހޮސްޕިޓަލުގައި ހުރީ ގައުމުގެ އާބާދީގެ ކޮންމެ 1000 މީހަކަށް 0.5 އެނދެވެ. ކުރިއަށް އޮތް މަސްތަކުގައި އިންޑިއާގެ ސިއްހީ ނިޒާމުގެ އެހީއަށް އެދޭނެ މީހުންގެ އަދަދު އިތުރުވެގެން ދިއުމަށް ބޮޑު ފުރުސަތެއް އެބައޮތެވެ. ކޮވިޑް-19އަށް މިހާރު ކޭސްތައް ޕޮޒިޓިވްވަމުންދާ ގޮތަށް ބަލާއިރު، ޖޫން މަސް ފެށިގެން އަންނައިރު ހޮސްޕިޓަލު އެނދުތައް ފުރޭނެއެވެ. ޗަބްރާގެ ހިސާބުތައް ދައްކާ ގޮތުގައި އޭޕްރިލް މަސް ނިމޭއިރު، ހުސް އެންމެ އެނދެއްވެސް ނުހުންނާނެއެވެ.
އިންޑިއާގެ ކްރިޓިކަލް ކެއާ ޔުނިޓްތަކުގައި ހުރި އެނދުތަކާ ވެންޓިލޭޓަރުތަކުގެ ރަސްމީ ތަފާސް ހިސާބެއް ލިބިފައެއް ނެތެވެ. ލަފާކުރެވޭ ގޮތުގައި މުޅި އިންޑިއާގައިވެސް އައި.ސީ.ޔޫ އެނދުގެ ގޮތުގައި ބޭނުން ކުރަމުންދަނީ 70000 އެނދެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޮންމެ 10 މީހަކުން 1 އަކީ އައި.ސީ.ޔޫގައި ފަރުވާދޭންޖެހޭ މީހެއް ކަމަށް ބެލި ކަމުގައި ވީ ނަމަވެސް، މެއި މަސް ނިމޭއިރު ނުވަތަ އެއަށްވުރެވެސް އަވަހަށް އައި.ސީ.ޔޫތައްވެސް ފުރޭނެއެވެ.
ތަރައްގީވެ، ކުރިއަރާފައިވާ މުއްސަނދި ގައުމުތައްވެސް ކޮވިޑް-19ގައި އުފުލަމުންދަނީ ހިތްދަތި ތަކުލީފުތަކެކެވެ. ކޮވިޑް-19ގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ އިޓަލީވިލާތަށް އަނެއްކާވެސް ބަލާލަމާތޯއެވެ. ވެންޓިލޭޓަރުގެ އެހީގާ ނޭވާލުމުގެ ފަރުވާ ދޭނީ ކޮން ޕޭޝަންޓަކަށްތޯ ހިޔާރު ކުރުމުގެ އުނދަގޫ ނިންމުން ނިންމުމަށް އިޓަލީވިލާތުގެ ޑޮކްޓަރުންނަށް މިހާރު ވަނީ މަޖުބޫރުވެފައެވެ. ސިއްހީ ފަރުވާއަށް ބޭނުންވާ ސަމާނު އުފައްދަނީ އަސްކަރިއްޔާގެ ސިފައިންގެ އެހީތެރިކަމާވެސް އެކުގައެވެ. މިހާރު މި ދިމާލަށް މިސްރާބު ޖަހާފައިވަނީ އެމެރިކާވެ.
ނުރަސްމީ ރެކޯޑްތަކަށް ބަލާއިރު އިންޑިއާގައި މިވަގުތު އޮޕަރޭޓްކުރަނީ އެންމެ 4000 ވެންޓިލޭޓަރެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ބުނަމުންދަނީ ގައުމަށް ބޭނުންވާ މިންވަރަށް ވެންޓިލޭޓަރު އެބަހުރި ކަމަށެވެ. ކްރިޓިކަލް އެހީ ބޭނުންވާ ފަރާތްތަކަށް ހިދުމަތް ފުޅާ ކުރުމުގެ މާ ބޮޑު ތަފްސީލުތަކެއް ސަރުކާރުން ހިއްސާއެއް ނުކުރެއެވެ.
ވަކި ސްޓޭޓްތަކަށް ނުރައްކާ ބޮޑު
ސިއްހީ ހިދުމަތުގެ ރޮނގުން ބަލާއިރު އިންޑިއާގެ ކޮންމެ ސްޓޭޓަކީވެސް ތަފާތު ސްޓޭޓެކެވެ. 2019 ވަނަ އަހަރުގެ ޖޫން މަހު އެކުލަވާލި ރޭންކިންގް ސްޓޭޓްސް އޮން ހެލްތް ބުނާ ގޮތުގައި، އިންޑިއާގެ ބައެއް ސްޓޭޓްތަކުގެ ސިއްހީ ހާލަތު ހުރީ މެދު ފަންތީގެ ތަނަވަސް ގައުމުތަކާ މުއްސަނދި ގައުމުތަކާ އެއް ހަމައެއްގައެވެ. މިސާލަކަށް ކެރެލާ ސްޓޭޓްގައި އަލަށް އުފަންވާ ތުއްތު ކުދިން މަރުވާ ނިސްބަތް އުޅެނީ ބްރެޒީލްއާއި އާޖެންޓީނާ ފަދަ ގައުމުތަކާ އެއް ހަމައެއްގައެވެ. އަނެއްބައި ސްޓޭޓްތަކުގައި ސިއްހީ ހާލަތު އޮތީ އެންމެ ފަގީރު ގައުމުތަކާ އެއް ހަމައެއްގައެވެ. މިސާލަކަށް އިންޑިއާގެ އޮރިއްސާގައި އަލަށް އުފަންވާ ކުދިން މަރުވާ ނިސްބަތް އުޅެނީ ސިއެރަ ލިއޯންއާއި ދާދި އެއްވަރެއްގައެވެ.
ބިހާރަށް ބަލާއިރު ކޮންމެ އެއްލައްކަ މީހަކަށް ސަރުކާރު ހޮސްޕިޓަލުތަކުގައި ހުރީ 1 އެނދެވެ. ގޯއާގައި މި ނިސްބަތް އުޅެނީ 20ގައެވެ. އިޓަލީވިލާތަށް ނަޒަރު ހިންގާލަމާތޯއެވެ. ގައުމުގެ އާބާދީއަށް ބަލާއިރު ކޮންމެ 1280 މީހަކުން 1 އަކީ މިހާރު ކޮވިޑް-19ގެ ޝިކާރައަކަށްވެފައިވާ މީހެކެވެ.