ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ސަރަހައްދުގައި ގާއިމް ކޮށްފައިވާ 4 ކްލިނިކޮތަކަށް މިހާތަނަށް 2491 ފަރާތެއް ދައްކައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ސެނެހިޔާގައި ހުންނަ ފްލޫ ކްލިނިކަށް 190 ފަރާތެއް، ސިނަމާލެ ފުރަގަހުގައި ހުންނަ ޓްރެވަލް ކްލިނިކަށް 13 ފަރާތެއް، ހުޅުމާލޭގައި ހުންނަ އެކްސްޕެޓް ކްލިނިކަށް 17 ފަރާތެއް، ވިލިމާލެ ފްލޫ ކްލިނިކަށް 22 ފަރާތެއް ދައްކާފައިވާ ކަމަށެވެ.

މިހާތަނަށް އައި އިރު ޖުމްލަކޮށް އެ ކްލިނިކްތަކަށް ދައްކާފައިވާ މިހުންގެ އަދަދަށް ބަލާލާއިރު، ސެނެހިޔާގައި ހުންނަ ފްލޫ ކްލިނިކަށް 1897 ފަރާތެއް، ސިނަމާލެ ފުރަގަހުގައި ހުންނަ ޓްރެވަލް ކްލިނިކަށް 380 ފަރާތެއް، ހުޅުމާލޭގައި ހުންނަ އެކްސްޕެޓް ކްލިނިކަށް 187 ފަރާތެއް، ވިލިމާލެ ފްލޫ ކްލިނިކަށް 27 ފަރާތެއް ދައްކާފައިވާ ކަމަށެވެ.

ސެނެހިޔާގައި ފްލޫ ކްލިނިކް އަދި ސިނަމާލެ ފުރަގަހުގައި ޓްރެވަލް ކްލިނިކް ހުޅުވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހެވެ. ވިލިމާލޭގައި ހުންނަ ފްލޫ ކްލިނިކް ގާއިމްކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. މީގެ އިތުރުން މިހާރު ހދ. ކުޅުދުއްފުށީގައިވެސް ވަނީ ފްލޫ ކްލިނިކެއް ގާއިމްކޮށްފައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ބަލިޖެހިފައިވާ 13 މީހުން ވަނީ ފެނިފައެވެ. އަދި އޭގެ ތެރެއިން 5 މީހަކު ވަނީ ރަނގަޅުވެފައެވެ. ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ ފަތުރުވެރިންނާއި ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވްި ދެ ފަތުރުވެރިންގެ އިތުރުން އެ ރިސޯޓުގެ ޑޮކްޓަރެވެ.