ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު ގާއިމް ކޮށްފައި ހުރި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީ ތަކުގައި ޖުމްލަ 593 މީހުން އެބަ ތިބި ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު ކަރަންޓީން ފެސިލިޓީގައި ޖުމްލަ 574 ފަރާތަކާއި އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 19 ފަރާތެއް އެބަތިބި ކަމަށެވެ.

އެގޮތުން އައިސޮލޭޝަން ފެސީލިޓީގައި ތިބި 19 މީހުންގެ އިތުރު ތަފްސީލް ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ، ވެލިދޫގައި ހުންނަ އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 16 މީހުން އެބަތިބި ކަމަށާއި ދަރުމަވަަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި 3 ފަރާތެއް އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ. ފަރުކޮޅުފުށީގައި އެއްވެސް ފަރާތެއް އައިސޮލޭޝަންގައި ބެހެއްޓިފައެއް ނުވެއެވެ.

ކަރަންޓީން ފެސިލިޓީތަކަށް ބަލާލާއިރު، ހުޅުލޭ އައިލެންޑް ހޮޓެލްގައި 137 ފަރާތެއް، ވިލިވަރުގައި 31 ފަރާތެއް، ފަން އައިލެންޑް ގައި 64 ފަރާތެއް، ބިޔާދޫގައި 41 ފަރާތެއް، ކުޑަ ބަނޑޮހުގައި 100 ފަރާތެއް ހިމެނެއެވެ. މީގެ އިތުތުން ދިއްގިރީގައި 32 ފަރާތެއް، ހޮލިޑޭ އައިލެންޑްގައި 149، ރޯޔަލް ކަރަންޓީން ފެސިލީޓީގައި 20 ފަރާތެއް ހިމެނެއެވެ. އެނބޫދޫ އަދި މަޑިވަރު ކަރަންޓީން ފެސިލިޓީގައި އަދި އެއްވެސް ފަރާތެއް ކަރަންޓީން ކުރެވިފައެއް ނުވެއެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގެ ޖާގައަށް ބަލާއިރު ވެލިދޫގައި 118 ކޮޓަރި އަދި ފަރުކޮޅުފުށީގައި 49 ބެޑް ހުރެއެވެ. ކަރަންޓީން ފެސިލިޓީގެ ގޮތުގައި 10 ރަށެއް ހަމަޖައްސާފައިވާ އިރު ޖުމްލަ އެނދުގެ އަދަދަކީ 830 އެވެ.

ނަމަވެސް މިހާރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ 126 ޖާގައިގެ ހުޅުލޭ އައިލެންޑް ހޮޓެލް ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމާފައެވެ. މިހާރު އެ ތަނުގައި ކަރަންޓީން ކުރެވިފައިވާ މީހުން އެހެން ކަރަންޓީން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައިވަނީ ބިދޭސީންގެ ފަރާތުންނެވެ. ޖުމްލަ 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު 5 މީހަކު މިހާރު ވަނީ މިބަލިން ރަނގަޅުވެފައެވެ.