ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން މި ވައިރަސްއަށް ޝައްކުވާ އަލާމާތްތައް ފެންނަމުން ދާތީ މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ އެއް ރިސޯޓަކާއި ދެ ސަފާރީ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތީ ރީތި ބީޗް ރިސޯޓާއި، އައިލެންޑް ސަފާރީއާއި އީކުއޭޓާ ސަފާރީ ކަމަށެވެ. މީގެ ތެރެއިން ރީތި ބީޗް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ދެ ފަރާތެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ދާތީ އަނެއްކާވެސް އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އައިލެންޑް ސަފާރީގައި ތިބި ދެ ބިދޭސީން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެތެރޭގައި ދެން ތިބި މުވައްޒަފުންނާއި ޓޫރިސްޓުން ވަނީ ވިލިވަރު ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައެވެ. އަދި ސަފާރީ އެ ސަރަހައްދުގައި އަޅާފައިވާ އިރު އެ ސަފާރީ ބެލެހެއްޓުމަށް ދެ މުވައްޒަފެއް އޭގައި މަޑުކުރާތީ އެ ސަފާރީ އޮތީ މޮނިޓަރިންގެ ގެ ހާލަތުގައެވެ.

އީކުއޭޓާ ސަފާރީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ. މިއަދާ ހަމައަށް 5 ދުވަސް ވެފައިވާ އިރު އަދިވެސް އެ ސަފާރީ ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އެ ސަފާރީން ދިވެއްސެއްގެ ގައިން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ވަނީ ޓެސްޓުކުރަން ފަށާފައެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ހުސް ބިދޭސީންނެވެ. ޖުމްލަ 13 މީހުން ޕޮޒިޓިވް ވެފައިވާ އިރު 5 މީހަކު ވަނީ ރަނގަޅު ވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ 8 ފަރާތެއް ހުރި އިރު އެމީހުންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެއެވެ.