ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 719 ސާމްޕަލްވެސް ނެގެޓިވް ކަމަށާއި، އަދި ނަތީޖާ ނުލިބޭ ދެ ސާމްޕަލްއެއް ހުރި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 719 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށާއި، އޭގެތެރެއިން ދެ މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 732 ސާމްޕަލް ނެގިފައިވާ ކަމަށާއި ބައެއް ސާމްޕަލްތައް ދެ ފަހަރުވެސް ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 574 ފަރާތެއް ތިބި ކަމަށެވެ. އޭގެތެރެއިން ވެލިދޫގައި 16 ފަރާތެއް ތިބި އިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި 3 ފަރާތެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި ހުޅުލޭ ކަރަންޓީން ފެސިލިޓީގަ 137 ފަރާތެއް، ވިލިވަރުގައި 31، ފަން އައިލެންޑް ކަރަންޓީން ފެސިލިޓީގައި 64، ބިޔާދޫގައި 41، ކުޑަ ބަނޑޮސް ކަރަންޓިން ފެސިލިޓިގައި 100، ދިއްގިރި ކަރަންޓިން ފެސިލިޓިގައި 32، ހޮލިޑޭއި އައިލެންޑުގައި 149، ރޯޔަލް ކަރަންޓިން ފެސިލިޓީގައި 20 ފަރާތެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އެނބުދޫ، ފަރުކޮޅު ފުށި އަދި މަޑިވަރު ކަރަންޓީން ފެސިލިޓީގައި އެއްވެސް މީހަކު ކަރަންޓިން ކޮށްފައި ނުވާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.