ރީތި ބީޗް ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ބިދޭސީއަކާއި ދިވެއްސެއްގެ ސާމްޕަލް ނަގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އެ ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ދެ ފަރާތެއްގެ ސާމްޕަލް ނެގުމުގެ މަދސައްކަތް ކުރަމުންދާތީ އަނެއްކާވެސް އެ ރިސޯޓުވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް19 ގެ އަލަމާތްތައް ހުރެގެން ރެޕިޑް ރެސްޕޯންސް ޓީމުން މިހާރު ދަނީ އެ ރަށަށް ދިއުމަށް ދަތުރު ކުރަމުން ކަމަށާއި، އަދި ކޮންޓެކްޓް ޓެރޭސިންގް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މީގެކުރިން ވެސް އެ ކޮވިޑް19 ގެ އަލާމާތްތައް ހުރެގެން އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ވަނީ ޓެސްޓުކޮށްފަ އެވެ. ނަމަވެސް އެމީހާގެ ނަތީޖާ ވަނީ ބައްޔަށް ނެގެޓިވް ވެފަ އެވެ.ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ.