ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުން މިހާރުވެސް ތިބީ ސަލާމަތުން، ރައްކާތެރި ހާލެއްގައި ކަމުގެ ޔަގީންކަން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ދެއްވައިފިއެވެ.

އެކި ބޭނުންތަކަށް ޕާކިސްތާނުގައި ދިރިއުޅެމުންދާ ދިވެހިންގެ ހާލު ރަނގަޅުކަމަށް ގުރައިޝީ ވިދާޅުވެފައި ވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން ޕާކިސްތާނުން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް މައުލޫމާތު ދެއްވަމުންނެވެ.

ފޯނު މެދުވެރިކުރައްވާ ޝާހިދާ ވާހަކަ ދައްކަވަމުން ގުރައިޝީ ވަނީ، ސަރަހައްދީ ފެންވަރުގައި ކޮވިޑް-19އާ ކުރިމަތިލުމަށް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތްތައް ރޭއްވެވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ގެންގުޅުއްވާ ތަސައްވުރަށް ތައުރީފު ކުރައްވާފައެވެ. އަދި ކޮވިޑް-19އާ ގުޅިގެން ސާކު ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންގެ ބައްދަލުވުމެއްވެސް ވަރަށް އަވަހަށް، ޕާކިސްތާނުގެ އިސްނެގުމުގެ ދަށުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ގުރައިޝީ ވަނީ އަރުވާފައެވެ.

ޕާކިސްތާނުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އުޅޭކަން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން ރާއްޖޭގައި 'ތާށިވެފައިވާ' ޕާކިސްތާނުގެ 4 ފަތުރުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން، އެކަމުގެ މައުލޫމާތުވެސް ދިވެހި ހާރިޖީ ވަޒީރަށް ގުރައިޝީ އަރުވާފައިވާކަމަށް ޕާކިސްތާނުގެ ރަސްމީ ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނުގައި ތާށިވެފައިވާ ދިވެހިން ރާއްޖެ ގެންނައުމުގެ މަސައްކަތް ކުރިއަށް

ޕާކިސްތާނަކީ މިސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ދިވެހި ރައްޔިތުން މަތީ ތައުލީމު ހާސިލުކުރުމަށް ކޮންމެވެސް ވަރަކަށް ވަޒަންވެރިވެގެން ދިރިއުޅެމުންދާ ގައުމެކެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ޕާކިސްތާނުގައި ކަމަށްވާއިރު އެގައުމުން ދަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮވިޑް19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް / ފޮޓޯ: ރައީސް އޮފީސް

ކަންމިހެން އޮތްއިރު، ޕާކިސްތާނުން ރާއްޖެ އަންނަން ބޭނުން ވެފައިވާ 13 ވަރަކަށް ދިވެހިން އެބަތިބި ކަމަށާ، ނަމަވެސް އެމީހުންނަށް މިވަގުތު ރާއްޖެ ނާދެވިގެން އުޅެނީ ޕާކިސްތާނުން ވައިގެ އުދުހުންތައް ހުއްޓާލާފައި އޮތުމުން ކަމަށް، ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީކޮށް ވާހަކަދައްކަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު ޢަޒީޒު ވަނީ ރޭގެ ވަގުތެއްގައި ވިދާޅުވެފައެވެ. އަދި މި ދިވެހިން ރާއްޖެ ގެނެވޭނެ މަގެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަންވެސް މަބްރޫކު ވަނީ ފާހަގަ ކުރައްވާފައެވެ.

ޕާކިސްތާނުން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 875 އަށް އަރާފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 6 އަށް އަރާފައި ވާކަމަށް ޚަބަރު ލިބެއެވެ.