ނޭޕާލް ގަޑިން މިއަދު ހެނދުނު 06:00 އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް އެގައުމު ލޮކްޑައުން ހާލަތަށް ގެންގޮސްފައިވަނީ، ބޮޑުވަޒީރުގެ ނައިބު އަދި ދިފާއީ ވަޒީރު އިޝްވާރު ޕޮކްރީލް ކުރިއަށް ގެންދެވި މަތީ ފެންވަރުގެ ބައްދަލުވުމަކަށް ފަހުގައެވެ.

މި ބައްދަލުވުމަކީ ނޭޕާލްއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް 2 ވަނަ ކޭސް އެއް ފެނުމާއެކު ރައްކާތެރިކަމުގެ ގޮތުން އެގައުމުން އެޅި ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ. ނޭޕާލްއިން އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ފަރަންސޭސިވިލާތުގައި ހުރުމަށްފަހު ގަތަރު މަގުން ނޭޕާލްއަށް ދަތުރުކުރި 19 އަހަރުގެ ޒުވާނެކެވެ.

ނޭޕާލް ލޮކްޑައުން ހާލަތަށް ގެންގޮސްފައިވާއިރު އެމާޖެންސީ ދަތުރު ފިޔަވާ އެހެން ހުރިހާ ދަތުރުތަކެއްވެސް ވަނީ މެދުކަނޑާލާފައެވެ. ފާއިތުވީ ދުވަސްތަކުގައި ނޭޕާލްގެ ވެރިރަށް ކަތްމަންޑޫގައި ސެމީ-ލޮކްޑައުން ހާލަތު ތަންފީޒު ކުރަމުން ގޮސްފައިވާއިރު އެގައުމުގައި ގިނަ ފިހާރަތަށް ބަންދުކޮށްފައި ހުންނަތާވެސް ދުވަސްތަކެއް ވެއްޖެއެވެ.

ސަލާމަތީ ބާރުތަކުން އޮޕަރޭޓްކުރާ ފްލައިޓްތައް ފިޔަވާ ނޭޕާލްއަށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއްވެސް މިހާރުވަނީ މެދުކަނޑާލާފައެވެ.

މި ގަވައިދުތަކާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާނީ ގައިންގަޔަށް އަރާ ބަލިމަޑުކަން ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށް ޚަބަރު ލިބެއެވެ.

ނޭޕާލްއަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިގެން ދިރިއުޅެމުންދާ ގައުމެކެވެ.