ހޯމަ ދުވަހުގެ ނިޔަލަށް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ސިންގަޕޫރުން 54 މީހަކު މުޅިން އަލަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.
މިއީ ސިންގަޕޫރުން ކޮވިޑް-19 ފެނުނު ފަހުން 1 ދުވަހާ އެންމެ ގިނަ މީހުން ފެނުނު ދުވަސްވެސްމެއެވެ.
ސިންގަޕޫރުން ހޯމަ ދުވަހު ރެކޯޑްކުރި 54 ކޭހުގެ ތެރެއިން 48 ކޭހަކީ އެގައުމަށް އިމްޕޯޓްވި ނުވަތަ ބޭރު ދަތުރުކުރުމަށްފަހު އައި މީހުންގެ ފަރާތުން ފެނުނު ކޭސްތައް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ވިލާތު ބައްރާ، އުތުރު އެމެރިކާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކުން ސިންގަޕޫރަށް ދަތުރުކުރި މީހުން ހިމެނެއެވެ.
ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 509 އަށް އަރާފައެވެ. 2 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު 152 މީހަކު ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށާ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ 355 މީހުންގެ ތެރެއިން 15 މީހަކު އޮތީ ކުރިޓިކަލް ހާލެއްގައި ކަމަށްވެސް ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ސިންގަޕޫރުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާއިރު، އެ ގައުމަށް ދަތުރުކުރާ ދިވެހިންނާ އެ ގައުމުގައި މިހާރުވެސް ދިރިއުޅެމުންދާ ދިވެހިން ސަމާލުވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން ވަނީ ގޮވާލާފައެވެ. އަދި ސިންގަޕޫރުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ދިވެހި ހާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.