ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއޯނޭ ފެލައިނީއާ ކްލޯސް ކޮންޓެކްޓްވި އެމްއޭސީއެލްގެ ދެ ސްޓާފުންގެ ސާމްޕަލް ކޮރޯނާއަށް ނެގަޓިވް ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ފެލައިނީއާ ކްލޯސް ކޮންޓެކްޓުވި 20 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ފަސް މީހުންނަކީ އޭނާ ޗުއްޓީ ހޭދަކުރި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ސްޓާފުން ކަމަށާއި އެމީހުން މިވަގުތު ތިބީ ސެލްފް އައިސޮލޭޝަންގައި ކަމަށެވެ.

އަދި ބާކީ 15 މީހުންނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުން ކަމަށާއި އޭގެ ތެރެއިން ދެމީހަކީ އިއްޔެ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރި ދެ މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ދެ މީހުންގެ ސާމްޕަލް ޓެސްޓުކުރި އިރު ކޮރޯނާއަށް ނެގަޓިވްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ފެލައިނީ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓުގައެވެ. އެ ރިސޯޓްގައި ކޮންޓެކްޓްވި މީހުން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއެއިން ދަނީ އަޅަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވް ވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހެވެ.

މި ކޭހާ ގުޅިގެން މަބްރޫކް ވިދާޅުވެފައި ވަނީ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެލެވެނީ ރާއްޖެއިން ދަތުރުކޮށް ދިޔަ ފަހުން ކަމަށް ވިޔަސް އެކަން އިތުރަށް ބަލަމުން ގެންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.