ގިނަ އަދަދެއްގެ ކަސްޓަމް އަދި އެމްއޭސީއެލްގެ ސްޓާފުންތަކެއް ކޮންޓެކްޓުވި ހަކުރާހުރާ ރިސޯޓުން ކޮވިޑަށް ޝައްކުވި މީހާގެ ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، ހަކުރާހުރާ އިން ޝައްކުވި މީހާއާ ކޮންޓެކްޓް ވި ކަމަށް ބަލާ 62 މީހަކު އައިސޮލޭޝަނަށް ދާން އެންގުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ 17 މުވައްޒަފަކާއި އެމްއޭސީއެލްގެ 41 މުވައްޒަފަކާއި އިމިގްރޭޝަންގެ އެކަކާއި ޓީއެމްއޭގެ 3 ސްޓާފެކެވެ.
މި އެންމެންނަކީވެސް އެއާޕޯޓުން އެމީހާއާ ބައްދަލުވިކަމަށް ބެލެވުނު މީހުންނެވެ.
އެޗްޕީއޭއިން މިރޭ ބުނީ، ހަކުރާހުރާއިން ޓެސްޓް ކުރި މީހާގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު ސޭންޑީޒް ބަތަލާއާއި އަނަންތަރާ ދިގާއި އަދި ކުލަބް މެޑް ކަނިފޮނިޅުން ނެގި ސާންޕަލްވެސް ނެގެޓިވް ވެފައި ވާކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ފެނިފައި ވާއިރު އޭގެ ތެރެއިން 5 މީހަކު މިހާރު ވަނީ އެއްކޮށް ރަނގަޅުވެފައެވެ. ރަނގަޅުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ބަތަލާ ރިސޯޓުން ޕޮޒިޓިވް ވި 2 މީހަކާއި ކުރެއްދޫ ރިސޯޓުން ޕޮޒިޓިވް ވި 3 މީހެކެވެ. މި 5 މީހުންގެ ތެރެއިން 3 މީހުންނަކީ އިޓަލީގެ މީހުންނެވެ. ދެން ހިމެނެނީ ސައުތުއެފްރިކާއާއި ތުރުކީ މީހެކެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކުން ގިނަ ގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.