ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން އިތުރު 2 މީހުން ރަނގަޅު ވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދް އިސްމާއީލް ވިދާޅުވީ، ކޮވިޑް19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހަކު އެ ބައްޔަށް ނެގެޓިވް ވެ އެ ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އަދި އެ ދެ މީހުންވެސް ފަރުވާދޭ ތަނުން ގެއަށް ދޫކޮށް ލާފައިވާ ކަމަށް ޑރ. އިސްމާއީލް ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެގެން ފަސް މީހަކު ރަނގަޅު ވެފައިވާ ކަމަށާއި، ބާކީ ފަރުވާ ދެމުންދަނީ 8 މީހަކަށް ކަމަށްވެސް ޑރ. އިސްމައީލް ވިދާޅުވިއެވެ.

ޑރ. އިސްމާއީލް ވިދާޅުވީ ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި ފަސް މީހަކު އެ ބަލިން ރަނގަޅުވި ނަމަވެސް، އޭގެ މާނައަކީ ރާއްޖެއަށް މި ކަމުން އޮތް ރިސްކް ކުޑަ ވެގެން ދިއުން ނޫން ކަމަށެވެ. އެހެންކަމުން އަދިވެސް ގޭގަ އެކަހެރިވެ، ސޯޝަލް ޑިސްޓޭންސް ވުން ހުއްޓާލަންވީ ކީ ނޫން ކަމަށާއި، ސަބަބަކީ ރާއްޖެއިން ބޭރުން އަދިވެސް މީހުން އަންނަ ކަމަށާއި، އަދި އެއާ އެކީގަ ބަލި މީހުންނަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ކޮންމެ ބަލި މީހެއް ފަރާތުންވެސް އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. އިސްމައީލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު މި ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.