ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 660 ސާމްޕަލްވެސް ނެގެޓިވް ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބަރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 660 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ ނެގުނު ސާމްޕަލްގެ އަދަދަކީ 673 ސާމްޕަލް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން 13 ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލެއް ނެތެވެ. ނަތީޖާ ނުލިބި ޕެންޑިންގައި ސާމްޕަލް ތިބިކަމަށް ބަލަނީ، އެ ސާމްޕަލްތައް ލެބަށް ލިބުމުންނެވެ. އެގޮތުން، އަދި ލެބަށް ނުލިބޭ ސާމްޕަލަތއް ވެސް އެބަ ހުއްޓެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ނޫން އެހެން ހުރިހާ މީހުން ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް މަޑުކުރަން ޖެހޭ ގޮތަށް ވަނީ އަންގާފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ބައްޔަށް ޝައްކު ކުރެވޭ މީހުންނާއިއެކު އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 496 މީހުން އެބަތިއްބެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 5 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައިވާ ކަމަށް ނިންމާފައެވެ.