އަވަށްޓެރި ސްރީލަންކާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ނުބަތަ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލާފައި އޮތުމަށްފަހު، ފުރާ މީހުންގެ ގިމަތަ ނުވަތަ ޑިޕާޗާ ޓާމިނަލްގެ އޮޕަރޭޝަންތައް ފަށާފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ސްރީލަންކާއިން ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް މުޅިން މެދުކަނޑާލާފައި އޮތުމަށްފަހު، ޑިޕާޗާ ޓާމިނަލް ހުޅުވިކަން، އެގައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓާރިއަޓްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ދިވެހި ހާރިއްޖިއްޔާއިން ބުނީ ޑިޕާޗާ ޓާމިނަލް ހުޅުވާފައިވާކަން އެ ވުޒާރާއަށްވެސް އަންގާފައިވާކަމަށެވެ. މިއީ ބަދަލު އައުން އެކަށީގެންވާ ފިޔަވަޅެއް ކަމުން، މިކަންކަމަށް ދިވެހިން ސަމާލުވުމަށްވެސް ދިވެހި ހާރިޖިއްޔާއިންވަނީ ގޮވާލާފައެވެ.

ޑިޕާޗާ ޓާމިނަލް ހުވަން ނިންމި ނަމަވެސް ސްރީލަންކާއިން އަދިވެސް އަރައިވަލް ޓާމިނަލްގެ އޮޕަރޭޝަންތައް ފަށާފައެއް ނުވެއެވެ. މުއްދަތެއް ނެތް ގޮތަށް، މި އޮޕަރޭޝަންތައް އަދިވެސް ވަނީ މެދުކަނޑާލާފައެވެ. ޓްރާންސިޕް އޮޕަރޭޝަންތައްވެސް އޮތީ ކަނޑާލާފައެވެ.

ކޮވިޑް-19އާ ގުޅިގެން ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: ދަ ސްޓޭޓްސްމަން

އަރައިވަލް އޮޕަރޭޝަންތައް މެދުކަނޑާލާފައި އޮތެއް ކަމަކު، ލަންކާގައި ތިބި މީހުން ގޮވައިގެން އެގައުމުން ފުރަން އަންނަ ބޯޓުތަކަށް އަދިވެސް ވައިގެ ބަނދަރު ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސްރީލަންކާގެ ކަނޑު ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު އެކްސްޕޯޓް އިމްޕޯޓް ވިޔަފާރީގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިއިން ބަނދަރަކުންވެސް އެއްވެސް މީހަކަށް އެގައުމަށް އެތެރެއެއް ނުވެވެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، 87އަށް ވަނީ އަރާފައެވެ.