ރާއްޖޭގައި ކޮވިޑް19އިން ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާލޭގެ މަގުތައް ކުލޮރިން އަޅައިގެން ދޮވެ ސާފުކުރަން ފަށައިފިއެވެ.

މާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފްއާއި މަލެސިޓީ ކައުންސިލް ގުޅިގެން ނެވެ. މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތައް ކުލޮރިން އަޅައިގެން ދޮވެ، ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށާއި، މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ. މިސައްކަތުގައި ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް މާދަމާ ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ މަގުތައް ދޮންނަނީ / ފޮޓޯ: އެމްއެންޑީއެފް

މިކަމާއި ގުޅިގެން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދް މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގެ އިތުރުން އެޗްޑީސީން ހުޅުލެ ޑިސްއިންފެކްޓް ކުރުމަށް ތައްޔާރުވަމުން ދާ ކަމަށެވެ. މާލެއައި ހުޅުމާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު މާފަންނު މެދު ދާއިރާއިން އިސްނަގައިގެން އެ ދާއިރާގެ މަގުތައް ޑިސްއިންފެކްޓު ކުރަން ވަނީ ފަށައިފައެވެ.

ސަރުކާރުން ދަނީ ކޮވިޑް19 އިން ރައްކާތެރި ވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އާންމުން އެއްވެ އުޅުން މަދުކުރުމާއި، ޕާކްތަކާއި މައިޒާންތައް ބަންދުކޮށް ކެފޭ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔވަޅެއްގެ ގޮތުން ބޭރު ގައުމުތަކުން ރާއްޖެއަންނަ މީހުން ކަރަންޓީނު ކުރުމާއި ޓެސްޓްކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން ތިން މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރަނގަޅުވެފައިވާ ތިން މީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވް ވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ޕޮޒިޓިވްވި މީހެކެވެ.