މިއަހަރުގެ ބައިނަލްއަގްވާމީ ފެނުގެ ދުވަހާ ގުޅިގެން ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުވުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް މޯލްޑިވްސް ވޯޓާ ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީން) ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުވުމާއި، އާންމުން އެއްވެ އުޅުމާ އެފަދަ ހަރަކާތްތައް މަނާކުރުމާއެކު މިއަހަރުގެ ފެނުގެ ދުވަސް ފާހަގަކުރާނީ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.

ކޮވިޑް-19ގެ ނުރައްކާ އޮތް މި ދަނޑިވަޅުގައި ރައްކާތެރިކަމާއެކު އަތްދޮވުމަށް ސިއްހީ މާހިރުން ލަފާދެމުންދާއިރު، އެމްޑަބްލިއުއެސްސީން ވަނީ މިކަން ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށްފައެވެ.

  • މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން އަތްދޮވުން
  • ސައިބޯނިން ދެ އަތް އުނގުޅާއިރު އަތްތިލައިގެ ފަހަތް، އިނގިލިތަކުގެ ދޭތެރެ، ނިޔަފަތިތަކުގެ އަޑި ހިމެނުން
  • ހަރަދު ކުޑަކުރުމަށްޓަކައި ސައިބޯނި ލައިގެން 20 ސިކުންތު ވަންދެން އަތް އުނގުޅާއިރު ފެން އިސްކޫރު ބަންދުކުރުން
  • އަތް ދޮވުމަށްފަހު ޓިޝޫއަކުން ނުވަތަ ސާފު ފޮތިކޮޅަކުން ރަނގަޅަށް އަތް ހިއްކާލުން
  • ސައިބޯނި، އިސްކުރު ފެން ނެތް ހާލަތެއްގައި މަދުވެގެން 60 ޕަސެންޓް އަލްކޮހޯލް ހިމެނޭ ސެނިޓައިޒާއެއް ބޭނުންކުރުން [ސެނިޓައިޒާ ބޭނުންކުރާއިރު ވެސް 20 ސިކުންތު ވަންދެން އަތްތިލައިގެ ހުރިހާ ދިމާލެއް އުނގުޅުން]

ގިނަގިނައިން އަތް ދޮންނަން ބާރު އެޅުމުގެ އިތުރުން އަތް ދޮވުމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ދަނޑިވަޅުތައް ވެސް އެމްޑަބްލިއެސްސީން ފާހަގަކުރެއެވެ.

އެގޮތުން ކެއްސައި ކިނބިހި އެޅުމާއި ނޭފަތް ފޮޅުމަށްފަހު އަދި ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮންނަން ވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. ހަމައެއާއެކު ގެއިން ބޭރުގައި އެއްވެސް ތަނަކު ނުވަތަ ފައިސާގައި އަތްލުމަށްފަހު އަދި ބަލި މީހަކަށް އެހީތެރިވުމުގައާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުމަށްފަހު އަތް ދޮވުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާ ގޮތަށް މި ދަނޑިވަޅުގައި ގޭގައި މަޑުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވެސް އެކުންފުނިން ފާހަގަކުރެއެވެ. އާންމު ސާފުތާހިރުކަމަށްޓަކައި އެ ނޫން ހާލަތްތަކުގައި ވެސް އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ފެން ކުންފުނިން ލަފާދެއެވެ.

އެގޮތުން ފާހަނާ ބޭނުން ކުރުމަށްފަހު އާއި އުކާލެވޭ ތަކެތީގައި އަތްލުމަށްފަހު އާއި ގެންގުޅޭ ޖަނަވާރުގައި އަތްލުމަށްފަހު އަދި ފެންނަ ފެނުމަށް އަތްތިލަ ހަޑިވެފައި ހުރިނަމައާއި ތުއްތު ކުދިންގެ ނެޕީ ބަދަލު ކުރުމަށްފަހު އަތް ދޮވުމަށް ބާރު އަޅާފައިވެއެވެ. ފެނަކީ ދިރިއުޅުމުގައި ވަރަށް މުހިންމު އެއްޗަކަށް ވުމާއެކު ފެން އިސްރާފު ނުކުރުމަށް ވެސް އެމްޑަބްލިއުއެސްސީން އިލްތިމާސް ކުރެއެވެ.

ދުނިޔޭގައި ސާފު ބޯފެން ނުލިބޭ މީހުން އުޅޭކަން ފާހަގަކޮށް އެމްޑަބްލިއުއެސްސީން ބުނީ ދުނިޔޭގައި ކޮންމެ ނުވަ މީހުންގެ ތެރެއިން އެކަކަކީ ސާފު ފެން ލިބުމުން މަހުރޫމުވެފައިވާ މީހެއް ކަމަށެވެ. ނަމަވެސް އެމްޑަބްލިއުއެސްސީން ދޫކުރާ ފެން ނުވަތަ އިސްކުރު ފެނަކީ ސާފު ރައްކާތެރި ފެން ކަމުގެ ޔަގީންކަން އެކުންފުނިން އަރުވަ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ލެބޯޓްރީން ފެނުގެ ކޮލިޓީ ޗެކްކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮވިޑް19ގެ ނުރައްކާ އޮތް މި ދަނޑިވަޅުގައި މި ބައްޔާ ދެކޮޅަށް ތެދުވެވޭނީ ސާފުތާހިރުކަމުގެ އާދަތަކުގައި ހިފައިގެން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުއަހައި ބޯލަނބަމުން ދިއުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް އެކުންފުނިން ބުނެއެވެ.

ކޮވިޑް19ގެ މި ހާލަތުގައި ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ އިއުލާނުކޮށްފަ އެވެ.އެގޮތުން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހަށް ހިނގާ މުއްދަތުގައި ބޭނުންކުރާ ފެނުން އެއް ޓަނުގެ ފެން ހިލޭ ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.