މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު ޖަޕާނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް "ޓޯކްޔޯ 2020" ފަސްކުރުން އެކަށީގެންވާކަމުގެ ވާހަކަފުޅުތަކެއް، ޖަޕާނުގެ ބޮޑުވަޒީރު ޝީންޒޯ އަބޭ ފުރަތަމަ ފަހަރަށް ދައްކަވައިފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ މުޅި ދުނިޔެއަށްވެސް އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އޮލިމްޕިކްސް މުބާރާތް ފަސްކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށް، ކަމާބެހޭ އިސް ފަރާތްތަކުން މިހާތަނާ ޖެހެންދަކަށްވެސް ދިޔައީ ބުނަމުންނެވެ.

'ޓޯކްޔޯ 2020' އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ޖަޕާނު ތައްޔާރުކޮށްފަ/ފޮޓޯ: ސީނެޓް

ކަންމިހެން އޮތް ނަމަވެސް، ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވާ، 'ޓޯކްޔޯ 2020' ފަސްކުރުން އެކަށީގެންވާކަމާ ބެހޭ ގޮތުން އަބޭ މިވަނީ ވާހަކަފުޅުދައްކަވާފައެވެ.

މިއީ ޖުލައި 24 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތާ ގުޅިގެން އަބޭ ވާހަކަފުޅުދައްކަވަމުން ގެންދެވި ރާގު ބަދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، ގިނަ ގައުމުތަކަކާ އެތްލީޓުންނެއް ދަނީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފަސްކޮށްދިނުމަށް ގޮވާލަމުންނެވެ. އަދި ކެނެޑާއިންވަނީ އެ ގައުމުން އެއްވެސް ޓީމެއް މިފަހަރުގެ މުބާރާތުގައި ވާދަކުރަން ނުދާނެ ކަން އިއުލާންވެސްކޮށްފައެވެ.

ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގޯލްޑޮޓްކޮމް

މުބާރާތަށް ޓީމުތައް ފޮނުވަން ދެކޮޅު ހަދަމުން ކެނެޑާއިން ވަނީ 1 އަހަރު ދުވަހަށް މުބާރާތް ފަސްކޮށްދިނުމަށް ގޮވާލާފައެވެ. ކެނެޑާގެ އޮލިމްޕިކްސް ކޮމިޓީ އަދި ޕެރަލިމްޕިކްސް ކޮމިޓީއިން ބުނީ އެތްލީޓުންނާ ދުނިޔޭގެ އާބާދީގެ ސިއްހަތާ ރައްކާތެރިކަމަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ނެތް ކަމަށެވެ.

ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ)އިން ބުނީ މުބާރާތް ފަސްކުރުމާ މެދު އެންމެ ފަހުގެ ނިންމުން 4 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އެހެނީ މިކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދެވޭ ބޮޑު ކުޅިވަރު މުބާރާތްތަކަށް ވެފައި، ރީޝެޑިއުލް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެތީ ކަމަށްވެސް އައިއޯސީއިން ވަނީ ބުނެފައެވެ.

އޮލިމްޕިކްސް ގަވައިދު ބުނާ ގޮތުގައި، މުބާރާތް ފަސްކުރުމުގެ ހުއްދަ، އެ މުބާރާތް ބާއްވާ ގައުމަކަށް އޮވެއެވެ. ނަމަވެސް އެ މުބާރާތެއް ތާވަލުކޮށްފައިވާ އަހަރު ތެރޭގައި އެ އިވެންޓް ބާއްވަންޖެހޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ.