ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު ގާއިމް ކޮށްފައި ވާ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީތަކުގައި ޖުމްލަ 462 މީހުން އެބަ ތިބި ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު ކަރަންޓީން ފެސިލިޓީގައި ޖުމްލަ 442 ފަރާތަކާއި އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 20 ފަރާތެއް އެބަތިބި ކަމަށެވެ.
އެގޮތުން އައިސޮލޭޝަން ފެސީލިޓީގައި ތިބި 20 މީހުންގެ އިތުރު ތަފްސީލް ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ، ވެލިދޫގައި ހުންނަ އައިސޮލޭޝަން ފެސިލިޓީގައި ޖުމްލަ 17 މީހުން އެބަތިބި ކަމަށާއި ދަރުމަވަަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި 3 ފަރާތެއް އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ.
ހަމައެއާއެކު ކަރަންޓީން ފެސީލިޓީތަކުގައި ތިބި 442 މީހުންގެ އިތުރު ތަފްސީލް ހާމަ ކުރައްވަމުން މަބްރޫކް ވިދާޅުވީ، ފަން އައިލެންޑްގައި 64 މީހުން، ބިޔާދޫގައި 41 މީހުން، ހޮލިޑޭ އައިލެންޑް ރިސޯޓުގައި 89 މީހުން، ހުޅުލޭ އައިލެންޑް ހޮޓެލްގައި 136 މީހެއްގެ އިތުރުން ވިލިވަރުގައި 28 މީހެއް، އައިލެންޑް ސަފާރީގައި 2 މީހެއް، ކުޑަ ބަނޑުހުގައި 67 މީހެއް އަދި ދިއްގިރީގައި 15 މީހުން އެބަތިބި ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ 13 ބިދޭސީންނެވެ. އަދި މިހާތަަނަށް 3 މީހަކު ވަނީ މި ބަލިން ރަނަގަޅު ވެފައެވެ. އެއީ ބަތަލާ ރިސޯޓުން މި މަހުގެ 8 ވަނަ ދުވަހު ޕޮޒިޓިވް ވެފައިވާ 2 ފަތުރުވެރިންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރި ޑޮކްޓަރެކެވެ.