ކޮވިޑް-19 އާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ހުޅުމާލެ އަށް ފޭބި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 6:15 ހާއިރު ހުޅުމާލެ ބަނދަރުގައި އޮތް ސަފާރީއެއްގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ސަފާރީ އިން ހުޅުމާލެ އަށް ފައިބާ، ފުލުހުންނަށް ދޮގު މައުލޫމާތު ދިން މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިޔުމުން ބަންދަށް 5 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ފެތިރެމުންދާ ކޮވިޑް-19 ގެ ސަބަބުން ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް މީހުން އެރުައި ރަށްރަށުގައި ތިބި މުވައްޒަފުން އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތު މިވަގުތު ބަންދުވެފައިވާ ދަނޑިވަޅެއްގައި، ރިސޯޓަށް އެރުން މަނާކޮށްފައި އޮއްވާ އަރައިގެން ހައްޔރުކުރި މުވައްޒަފަކަށް މިއަދު ވަނީ 15 ދުވަސް ޖަހައިފައެވެ.
މީގެ އިތުރުން ރިސޯޓުން ފިލައިގެން ދިޔަ ދެ މީހުންގެ ބަންދު މުއްދަތަށް 15 ދުވަސް ޖަހައިފައިވާއިރު، އައްޑޫގެ މީދޫއާއި ދެމެދު ބްރިޖަކުން ގުޅާފައިވާ ހެރެތެރެ ރިސޯޓުން ދިވެއްސަކު ފަތާފައި މީދޫއަށް އެރި މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.
ފުލުހުން ބުނީ ދިވެހި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާއި ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.