ރާއްޖެ އިން ކޮވިޑް-19 ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި އެހީތެރިވުމަށް ހޯދުމަށް، ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ 33 ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ނޭޕާލްގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން 33 މީހަކު މިހާރު އައިސްފައިވާ ކަމަށާއި ނަމަވެސް އެ މީހުންގެ އެހީތެރިކަން ހޯދާނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ބޭތިއްބުމަށް ފަހު ކަމަށެވެ. އޭގެ ތެރެއިން އަމިއްލަ ހަރަދުގައި 10 މީހަކު އައިސްފައި ވާ ކަމަށްވެސް މަބްރޫކް ވިދާލުވިއެވެ.
ކޮވިޑް-19 ގައި ރާއްޖެ މިހާލަތުގައި އޮއްވައި އެހާ ބައިވަރު ޑޮކްޓަރުން ބޭނުންވެގެން އުޅެނީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށް މަބްރޫކް ވިދާޅުވެ، އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ކޮވިޑުން އަރައިގަނެވުނުކަމަށް ނިންމާލަން އަދި ކައިރި ވެސް ނުވާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައި ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން 14 ދުވަހުގެ މުއްދަތަށް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރާ ގޮތަށެވެ. ކަރަންޓީން އެކި ފެސިލިޓީތަކުގައި މި ވަގުތު 249 މީހުން އެބަތިއްބެވެ.
ނޭޕާލުގައި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށް ކިޔަވާ 40 އަށް ވުރެ ގިނަ ޑޮކްޓަރުން އެބަތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ހިމެނޭއިރު، އެ ދަރިވަރުންގެ ދެ ވަނަ ޓީމު މާދަމާ ރާއްޖެ އަންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.