ކޮވިޑް19 އަށް ޝައްކު ކުރެވިގެން އަދާރަން ކްލަބް ރަންނާޅި އަދި ސެންތާރާ ގްރޭންޑުން ނެގި ސާމްޕަލްތައް ނެގެޓިވް ކަމަށް ކޮވިޑް19ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގަިއ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި ދެރިސޯޓުންވެސް ނެގި ސާމްޕަލްތައް ނެގެޓިވް ކަމަށާއި، އަދި އެރަށްތައް އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވިގެން ސާމްޕަލް ނަގާފައިވަނީ ދިވެއްސެއްގެ އެވެ. އަދި ސެންތާރާ ގްރޭންޑުންވެސް އެ ބައްޔަށް ޝައްކު ކުރެވިގެން ސާމްޕަލް ނަގާފައިވަނީ ދިވެއްސެއްގެ އެވެ. މި ދެމީހުންގެ ސާމްޕަލް ވެސް ނަގާފައި ވަނީ އިއްޔެއެވެ.

ކޮވިޑް19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ތިން މީހަކު ވަނީ ރަނގަޅު ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ސަރުކާރުން ވަނީ ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.