ސްރީލަންކާއިން ރާއްޖެއަށް އައި "އެލިއޯން" ނަމަކަށް ކިޔާ އުޅަދުގައި ހުރި ބިދޭސީ މީހާގެ ސާމްޕަލް ނެގެޓިވް ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އެ ބިދޭސީ މީހަގެ ސާމްޕަލް ނެގެޓިވް ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހާ މިހާރުވަނީ އެޗްއައިއެޗް ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައި ކަމަށެވެ. އަދި އެ ކާގޯ ބޯޓު މޮނީޓަރިންގެ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ބޯޓު އާންމު ހާލަތަށް ގެނައުމާ އެކީގަ އެ ބޯޓު އަނެއްކާވެސް ރާއްޖެއިން ފުރައިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސްރީލަންކާއިން ރާއްޖެއަށް އައި "އެލިއޯން" ނަމަކަށް ކިޔާ އުޅަދުން ބިދޭސީއެއްގެ ގައިން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާތްތައް ހުރެގެން އޭނާގެ ސާމްޕަލް ނަގާފައިވަނީ އިއްޔެއެވެ. މި ބޯޓު ރާއްޖެއަށް ދަތުރު ކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 13 މީހުންނެވެ. އެއީ ހުސް ބިދޭސީންނެވެ. މިއަދާ ހަމައަށް މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 3 މީހުން ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ ޖުމްލަ 10 މީހުންނެވެ.

ލަންކާއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 77 އަށް އަރާފައި ވާއިރު، 3 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރި ވެގެން ދިއުޅޭ ގައުމަށް ވާއިރު، ލަންކާ ސަރުކާރުގެ އަމުރުތަކަށް ބޯލަނބާ، ކިޔަމަން ވުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.