ކުރީގެ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު މަރުއޯން ފެލައިނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަން އެނގިފައިވަނީ ރާއްޖެއިން ދިޔަ ފަހުންކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އެކުޅުން ތެރިޔާ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފައިވަނީ މާޗް މަހުގެ 8 ވަނަ ދުވަހު ކަމަށާއި، އޭނާ ރާއްޖެއިން އަނބުރާ ފުރައިގެން ދިޔައީ މާޗް މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
އަދި އޭނާ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެލެވެނީ ރާއްޖެއިން ދަތުރުކޮށް ޗައިނާއަށް ދިޔަ ފަހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މި މީހާ ރާއްޖެ އައިސްފައިވަނީ 8 މާޗްގަ އަދި އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ 12 މާޗްގަ. އޭނާ ހުރީ ރީތި ރަށް ރިސޯޓުގަ. އޭނާ ޕޮޒިޓިވްވި ކަން އިނގިފައިވަނީ މާޗް މަހުގެ 20 ވަނަ ދުވަހު. އެހެންވީމާ އޭނާ ކޮވިޑް19 އަށް ޕޮޒިޓިވްވި އެންމެ އަވަސް ދުވަހަކަށް 14 ދުވަހުގެ މުއްދަތަށް ބެލީމަ އޭގަ އޮވެދާނެ ކަމަށް ބެލެވޭ ދުވަހަކީ 6 ވަނަ ދުވަސް. އެހެންކަމުން އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ އޭނަ އެބަލި ޖެހުނީ ރާއްޖެއިން ޗައިނާއަށް ދަތުރު ކުރި ފަހުން ކަމަށް" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ފެލައިނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެލެވެނީ ރާއްޖެއިން ދަތުރުކޮށް ޗައިނާއަށް ދިޔަ ފަހުން ކަމަށް ވިޔަސް އެކަން އިތުރަށް ބަލަމުން ގެންދާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، އޭނާގެ ކްލޯޒް ކޮންޓެކްޓެއް ގޮތަށް ފާހަގަ ކުރެވުނު ފަރާތެއް މިހާރުވެސް ވަނީ އައިސޮލޭޝަނަށް ގެންދިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރަނގަޅުވެފައިވާ ތިން މީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ޕޮޒިޓިވްވި މީހެކެވެ.
މިއީ ޒިންމާދާރު ކަން ކުޑަ ނޫސްވެރި ކަން. އަހަރުންވެސް އަޑުއަހަން މިތިބީ. މަބޫ ބުނީ ލަފާފާކުރެވެނީ ރާއްޖޭން ދިޔަފަހުންނޭ. ސުރުހީ ޖަހާއިރު ރަންގަޅަށް ޖަހާބަލަ.