މެދުއިރުމަތީގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހަލުވިކަމާއެކު ފެތުރެމުންދާ އީރާނަށް އެމެރިކާއިން ހުށަހަޅާ އެއްވެސް އެހީއެއްގައި ހިފުމަށް، އީރާނުގެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އިންކާރު ކުރައްވައިފިއެވެ.
އެމެރިކާގެ އެހީއަށް އިންކާރު ކުރައްވަމުން ޚަމަނާއީ ވަނީ، އެމެރިކާއަށް ބޮޑެތި ތުހުމަތުތަކެއްވެސް އަމާޒުކުރައްވާފައެވެ. އެގޮތުން ބޭސްފަރުވާގެ އެހީގެ ނަމުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ވަރުގަދަ ކުޅިގަނޑެއް ކުޅެފާނެކަމުގެ ޝައްކުތައް، ޚަމަނާއީ ވަނީ ފެންމަތިކުރައްވާފައެވެ.
އެމެރިކާއިން ފޯރުކޮށްދޭން ހުށަހެޅި ބޭސްފަރުވާގެ އެހީއަކީ ބަލިމަޑުކަން އިތުރަށް ގޯސްކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ވެދާނެކަމަށާ، ދުވަހަކުވެސް އެމެރިކާއަށް އިތުބާރު ކުރުމެއް ނެތްކަމަށް ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.
ފާރިސީންގެ އާ އަހަރު ފެށުމުގެ މުނާސަބާއާ ދިމާކޮށް ޓީވީ މެދުވެރިކުރައްވާ ތަގުރީރުކުރައްވަމުން އީރާނުގެ އެންމެ އިސް ލީޑަރު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައިވަނީ ސާބިތު ހިފޭ އެއްވެސް ހެއްކަކުން މިސާލު ދެއްކެވުމަކާވެސް ނުލައެވެ.
އެމެރިކާއަށްވެސް ސިއްހީ ބޭސްފަރުވާގެ ދަތިކަން ކުރިމަތިވެފައިވާ ވަގުތެއްގައި އީރާނަށް އެހީ ހުށަހެޅުމަކީ އާދައިގެ ކަމެއް ނޫންކަމަށްވެސް ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.
މެދުއިރުމަތީގެ މަސްރަހަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ އީރާނުގައެވެ. އެގައުމުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20000 އަށްވުރެ މައްޗަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު 1500 އަށް އަރާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ ބުނެފައެވެ.
މިދަނޑިވަޅަކީ އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއްވެސް އީރާނާ ދެކޮޅަށް ތަންފީޒުކުރަމުންދާ ދަނޑިވަޅެކެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން އީރާނާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ މިފަދަ ފިޔަވަޅުތަކާއެކު މުޅި ގައުމު އޮތީ އިނދަޖެހިފައެވެ.