ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 621 ސާމްޕަލްވެސް ނެގެޓިވް ކަމަށާއި، އަދި ނަތީޖާ ނުލިބޭ ދެ ސާމްޕަލްއެއް ހުރި ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 621 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށާއި، އޭގެތެރެއިން ދެ މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިހާތަނަށް 636 ސާމްޕަލްއެއް ވަނީ ނެގިފައި ކަމަށެވެ. އަދި ކަރަންޓީން ފެސިލިޓީ ވިލިވަރުގައި 28 ފަރާތެއް ތިބި ކަމަށާއި އަދި އޭގެތެރެއިން 2 މީހަކު އީކުއޭޓަ ސަފާރީގައި ތިބިކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެއިތުރުން ހުޅުލޭ ކަރަންޓީން ފެސިލިޓީގައި 135 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށާއި، އަދި ފަރުކޮޅު އައިސޮލޭޝަނުގައި މިވަގުތު އެއްވެސް މީހެއް ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި ވެލިދޫ ކަރަންޓީން ފެސިލިޓީގަ 16 މީހުން، ފަން އައިލެންޑްގަ 66 މީހުން، ބިޔާދޫ ކަރަންޓީން ފެސިލިޓީގަ 40 މީހުން، ކުޑަ ބަނޑޮސް ފެސިލިޓީގަ 48، ދިއްގިރީގަ 15 މީހުން، ހޮލިޑޭއި އައިލެންޑް ކަރަންޓީން ފެސިލިޓީގަ 88 އަދި ޑީއެޗް11 ގަ ތިބީ މިހާރު މި ބަލިން ރަނގަޅުވެ އެހެން ނަމަވެސް ކަރަންޓީން ކޮށްފައިވަ ދެ މީހަކާއި، ބައްޔަށް ޕޮޒިޓިވްވި އަދި ޑޮކްޓަރުން ގާތުން ބަލައި ފަރުވާ ދެމުންދާ އެކަކު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 3 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.