ރާއްޖޭގެ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލަތު ރަނގަޅުވި ނަމަވެސް، ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮވިޑް19 ޖެހި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމުގެ ތަމްރީން ޕްރޮގްރާމް ފެށުމަށް އައިޖީއެމްއެޗްގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި، އެކަމާ ގުޅިގެން ރާއްޖެއަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށެވެ. އަދި މިފަދަ ހާލަތަކުން އަރައިގަތުމަށް ސިއްހީ މާހިރުންގެ އިރުޝާދުތަކަށް އަމަލުކުރުމުގެ މުހިއްމު ކަމަށް މިނިސްޓަރު އަލިއަޅުވާލި އެވެ.
މީގެއިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އެހެން އެއްވެސް ގައުމަކުން އަަޅާފައި ނުވާ ވަރަށް ރާއްޖެއިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ރައްޖޭގައި ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވަ ފިޔަވަޅު ތަކުގެ ތެރޭގައި، ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުމާއި އޭގެ އިތުރުންވެސް އެތައް ފިޔަވަޅުތައް އަޅާފައި ވެއެވެ.
ރާއްޖޭގައި ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވިއިރު، އޭގެތެރެއިން ތިން މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. މިތިން މީހުން ބަލިން ރަނގަޅުވުމުން މަސައްކަތުގައި އުޅޭ ސިއްހީ މާހިރުންނަށް އާންމުން ދަނީ ތައުރީފު ކުރަމުންނެވެ.