ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިންއެއްވެސް އަދި މިހާތަނަށް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3 ލައްކައަށްވުރެ މައްޗަށް އަރާ، މަރުވި މިހުންގެ އަދަދު 13000އަށްވުރެ މައްޗަށް އަރާފައިވާއިރު، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންދާ ކަމީ މިއަދު އެއްވެސް މީހަކަށް އޮޅިފައި އޮންނާނެއް ކަމެއް ނޫނެވެ.

ދުނިޔޭގެ އެންމެ ދެކުނު ތަނޑި ނުވަތަ އެންޓާޓިކާ ފިޔަވާ އެހެން ހުރިހާ ބައްރަކުން ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާއިރު، މި ކަން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު ބިލިއަނަކަށް ވުރެ ގިނަ މީހުން މިއަދުވަނީ 'ގޭބަންދު' ވެފައެވެ.

ފަރަންސޭސިވިލާތުގެ ލޫވާ މިއުޒިއަމް ސަރަހައްދު ކޮވިޑް-19އާ އެކު ފަޅުވެފަ/ފޮޓޯ: އޭއެފްޕީ

އެއްގަމާ، ކަނޑާ ވައިގެ މަގުން ކުރި ދަތުރުތައް ހުއްޓި، ސްކޫލްތަކާ މަދަރުސާތައް ބަންދުކޮށް އޮންލައިން ޕްލެޓްފޯމުތަކަށް އިލްމީ ވެށި ބަދަލުކޮށްފައިވާއިރު، ގޭގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުވެސް މަދެއް ނޫނެވެ.

އޭއެފްޕީގެ ރެކޯޑްތައް ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 35 ގައުމެއްގައި ލޮކްޑައުން ހާލަތު އިއުލާންކޮށްފައިވާއިރު 900 މިލިއަނެއްހާ މީހުން ތިބީ ގެތަކުގައެވެ. މީގެ ތެރޭގައި، ސަރުކާރުން އާންމުކުރި މަޖުބޫރީ އަމުރާއެކު ގެތަކުގައި ބަންދުވި 600 މިލިއަނެއްހާ މީހުން ހިމެނެއެވެ. މިއަދަކީ ދުނިޔޭގެ އާބާދީ އެންމެ ބޮޑު އިންޑިއާގައި މުޅި ގައުމަށް އާންމުކޮށް ކާފިއުގެ އަމުރު ތަންފީޒުކުރަމުންދާ ދުވަހަކަށް ވާއިރު، 1.3 ބިލިއަން މީހުންނަށް ހަމަޔަގީނުންވެސް މިއަދު ގޭގައި މަޑުކުރުން މަޖުބޫރުވާނެއެވެ.

ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތް ހޯދޭނެ ހަމަ އެކަކުވެސް ނެތެވެ. މިއަކަށް ވަކި އުމުރެއް ނެތެވެ. ބަލީގެ ނުރައްކާ ބޮޑުވަނީ ދޮށީ އުމުރުގެ މީހުންނަށް ކަމަށް ކުރިން ބުނަމުންދިޔަ ކަމުގައި ވީ ނަމަވެސް، ޒުވާނުންނަކީވެސް އިތުރު އިމިއުނިޓީއެއް ލިބިފައިވާ ބައެއް ނޫންކަމަށާ، ޒުވާނެއް ކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމުގައި މަރުވެދިއުމުގެ ފުރުސަތު އެބައޮތްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ އިންޒާރުކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން އެމެރިކާގައި ސްކޫލްތައް ބަންދުކޮށްފައިވާ ކުލާސްތައް ފަޅުވެފަ/ފޮޓޯ: އޭޖޭ

ކޮވިޑް-19އަކީ މުއްސަނދިކަމާ ފަގީރުކަމަކަމުން ފަރަގެއް އޮތް ބަލިމަޑުކަމެއްވެސް ނޫނެވެ. ދުނިޔޭގެ ނިސްބަތުން ކުރިއަރާފައިވާ ވިލާތު ބައްރުގައި މި ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ 36 ޕަސެންޓް ހިއްސާކުރަނީ އިޓަލީވިލާތުން އެކަންޏެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ މަގާމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ވަމުން އަންނަކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 26000އަށްވުރެ މައްޗަށް އަރާފައިވާއިރު 300 އަށްވުރެ ގިނަ މަރު ވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19ގެ ބިރުވެރިކަން އަދިވެސް ބައެއް މީހުންގެ ހިތްތަކަށް ނުވަންނަކަމީ ހިތާމަ ހުރި ކަމެކެވެ. އެފަދަ މަދު ބައެއްގެ ސަބަބުން، ކިޔަމަންވި އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅެއެވެ. ކަމާބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރި ކަމުގައި ވީ ނަމަވެސް، އެ އަމުރުތަކަށް ބޯލަނބަން އިންކާރު ކިތަންމެ ބަޔަކު ދުނިޔޭގެ އެކި ހިސާބުތަކުގައި އެބަތިއްބެވެ.