ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ ގޮތް ބަލާ އެކަން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އިސްނެންގެވުމާއެކު އިއުލާންކުރެއްވި 14 ގަޑިއިރުގެ ކާފިއު އަމުރު، އެގައުމުގައި ތަންފީޒުކުރަން ފަށައިފިއެވެ.

އިންޑިއާ ގަޑިން މިއަދު ހެނދުނު 07:00 އިން ފަށައިގެން މިރޭ 09:00 ޖެހުމާ ހަމައަށް، މުޅި ގައުމަށް އިއުލާންކޮށްފައިވާ ކާފިއުއަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިޖުތިމާއީ ޖިސްމާނީ ދުރުހެލިކަން ޓެސްޓުކުރުމަށް ހިންގާ ހަރަކާތެއް ކަމަށް މައުލޫމާތު ލިބެއެވެ.

ދޭސީންނާ ބިދޭސީންވެސް ހިމެނޭ ގޮތަށް ގައުމުގައި ތިބި އެންމެން ކާފިއުއަށް ކިޔަމަންވުމަށް އަމުރުކުރައްވަމުން މޯދީ ވިދާޅުވީ، މިހާރު ލިބޭ ފިލާވަޅުތަކުން އަޅާ ފިޔަވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ލިއްބައިދޭނެ ބޮޑު އެހީތެރިކަމެއް ކަމަށެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެއްގަމާ ވައިގެ މަގުން ގައުމުތެރޭގައި ކުރާ ހުރިހާ ދަތުރުފަތުރެއް މެދުކަނޑާލާނެކަންވެސް އިއުލާންކޮށްފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 332 އަށް އަރާފައިވާއިރު، މި ބަލީގައި އެގައުމުން 5 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.