ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަކީ 2 ވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ ދުށް އެންމެ ބޮޑު ކާރިސާ ކަމަށް، އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޫޒެއްޕެ ކޯންތެ ސިފަކުރައްވައިފިއެވެ.

ކޮވިޑް-19ގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ އިޓަލީވިލާތުގެ ބޮޑުވަޒީރު މިފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައި މިވަނީ، އެގައުމުގައި އޮޕަރޭޓްކުރާ ކާރުހާނާތަކުގެ ތެރެއިން އަސާސީ ހިދުމަތްތަކާ ގުޅުން ނެތް ހުރިހާ ކާރުހާނާތަކެއް ބަންދުކުރުމަށް އަމުރުކުރައްވަމުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އިޓަލީވިލާތުން މަރުވި މީހުންގެ ގަބުރުތައް އަސްކަރީ އުޅަނދަކަށް އަރުވަނީ/ފޮޓޯ: ދަ ސަން

ކާބޯތަކެއްޗާ ސިއްހީ ބޭސްފަރުވާއާ ގުޅޭ ސާމާނު އުފައްދާ ކާރުހާނާތައް ނޫން އެހެން ހުރިހާ ކާރުހާނާއެއް ބަންދު ކުރުމަށް އިޓަލީވިލާތުގެ ސަރުކާރުން ވަނީ އަމުރުކޮށްފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އިޓަލީވިލާތުން މަރުވި މީހުންގެ ގަބުރުތައް އަސްކަރީ އުޅަނދަކުގައި އުފުލާ މަންޒަރު ސޯޝަލް މީޑިއާގައިވަނީ ވައިރަލްވެފަ./ފޮޓޯ: ދަ ޓައިމްސް އޮފް އިޒްރޭލު

ފޭސްބުކް ލައިވް މެދުވެރިކުރައްވާ ތަގުރީރުކުރައްވަމުން ކޯންތެ ވިދާޅުވީ، މި ބަލީގައި އެގައުމުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެފައިވާކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 47000އަށްވުރެ ގިނަ މީހުން އިޓަލީވިލާތުން މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 4000އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ކޯންތެ ވިދާޅުވީ މަރުގެ ހަބަރަކީ ކޮންމެ ދުވަހަކުވެސް އިވެމުންދާ، ހިތަށް ދަތިކުރަނިވި ހަބަރުތަކެއް ކަމަށެވެ. މަރުވި މީހުންގެ އަދަދަކީ ހަމައެކަނި ނަންބަރުތަކެއް ނޫންކަމަށާ، އެއީވެސް އިންސާނުންކަން ކޯންތެ ވަނީ ހަނދާންކޮށްދެއްވާފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އިޓަލީވިލާތުން މަރުވި މީހުންގެ ގަބުރުތައް އަސްކަރީ އުޅަނދަކަށް އަރުވަނީ/ފޮޓޯ: ދަ ސަން

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ގައުމު ފުރިހަމަ ލޮކްޑައުންއަކަށް ގެނެސްފައި އޮތް ނަމަވެސް، ބޭސް ފިހަރާތަކާ، ކާބޯތަކެތި ވިއްކާ ފިހާރަތަކާ، މާލީ ހިދުމަތްދޭ ތަންތަނުގެ އިތުރުން އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ކުރިއަށް ގެންދާނެ ކަން ކޯންތެ ވަނީ ހާމަކުރައްވާފައެވެ.

މިއީ ކާރުހާނާތަކަށް އެނބުރި ރުޖޫއަވުމާ، އާއިލާ މެމްބަރުންނާ ބައްދަލުކޮށްލެވުމާ، އިޓަލީވިލާތަށް ހާއްސަ ޕިއްޒާތަކުގެ ރަހައަށް އިންސާފުކުރުމުގެ ރަހަ އެންމެހާ ރައްޔިތުންނަށް ދެން ލިއްބައިދޭން އޮތް މަގު ކަމަށާ، މި ފިޔަވަޅުތަކަކީ އިޓަލީވިލާތަށް އޮތް ލޯތްބެއްގެ ސަބަބުން އަޅާ ފިޔަވަޅުތަކެއް ކަންވެސް ކޯންތެ ވަނީ އެ ގައުމުގެ ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ގައުމު ލޮކްޑައުން ހާލަތަށް ގެނެސްފައިވާ އިޓަލީވިލާތުގައި ދޮށީ އުމުރުގެ ފިރިހެނަކު ބެލްކަނީގައި ހުއްޓިލައިގެން/ފޮޓޯ: ދަ ނޭޝަނަލް

ކޮވިޑް-19ގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވަނީ ވިލާތު ބައްރުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވެސް ވަނީ ކަނޑައަޅާފައެވެ. ވިލާތު ބައްރަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑީވެސް އިޓަލީވިލާތުގައެވެ. މި ބަލީގައި އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު، ކޮވިޑް-19 ފުރަތަމަ ކޭސްތައް ފެންމަތިވި ޗައިނާއަށްވުރެ އިތުރުވެފައިވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.