ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކާއި ބިދޭސީއެއް ފެނިއްޖެއެވެ.

ހެލްތް ޕްރޮޓޭކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ކުލަބް މެޑް ކަނިފިނޮޅު ހޮލިޑޭ ވިލެޖްއިން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓް ވަނީ މޮނިޓަރިން ހާލަތުގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ހަމައެއާއެކު ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. އެ ފަރާތުގެ ޓެސްޓު ކުރެވި ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މިއަދު ސްރީލަންކާއިން ރާއްޖެއަށް އައި ކާގޯ ބޯޓެއްގައި ހުރި ބިދޭސީއެއްވެސް މި ބައްޔަށް ޝައްކު ކުރެވޭ އަލާމަތްތައް ފެނިގެން ދަނީ ޓެސްޓު ކުރެވެމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެލިއޯން ނަމަކަށް ކިޔާ އެ އުޅަނދު ވަނީ މޮނިޓަރިންގްގެ ހާލަތަށް ގެނެވިފައެވެ.

މިހާތަަނަށް ރާއްޖޭގައި 13 މީހަކަށް މިބަލި ޖެހިގެން ފެނިފައި ވާ އިރު 3 މީހަކު ވަނީ ރަނގަޅު ވެފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިފައިވަނީ ހުސް ބިދޭސީންނަށެވެ.