މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއަށް 128 ދިވެހިންނާއި 204 ފަތުރުވެރިން އައިސްފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިއަދު އިރު އޮއްސުމާ ހަމައަށް ޖުމްލަ 349 މީހުން ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އެ ގޮތުން 128 ދިވެހިންނާއި 204 ފަތުރުވެރިންނާއި އެހެނިހެން ވިސާގެ ދަށުން 17 ބިދޭސީއަކު އައިސްފައިވާ ކަމަށެވެ.
ހަމައެއާއެކު އިއްޔެ ރާއްޖެއަށް 572 ފަރާތެއް އައިސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން އިއްޔެ ރާއްޖެއަށް އައިސްފައިވާ މީހުންނަށް ބަލާލާއިރު 192 ދިވެހިންނާއި، 326 ފަތުރުވެރިންގެ އިތުރުން އެހެނިހެން ވިސާގެ ތެރެއިން 54 ބިދޭސީން ވަނީ ރާއްޖެ އައިސްފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިހާރު ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވާ އިތުރު ފަރާތްތައް ކަރަންޓީން ކުރުމަށް ވަނީ ނިންމާފައެވެ. މިހާތަނަށް ވިލިވަރުގައި 28 ފަރާތެއް، ހުޅުލޭ އައިލެންޑް ހޮޓެލްގައި 128 ފަރާތެއް، ބިޔާދޫގައި 47 ފަރާތެއް، ފަން އައިލެންޑްގައި 59 ފަރާތެއްގެ އިތުރުން ކުޑަ ބަނޑޮސްގައި 32 ފަރާތެއް ވަނީ ކަރަންޓީން ކުރެވިފައެވެ. ހަމައެއާއެކު ވެލިދޫ 15 ފަރާތެއް ވަނީ އައިސޮލޭޓް ކުރެވިފައެވެ.
މިހާތަނަށް ރާއްޛޭގައި ބައްޔަށް 13 މީހަކު ވަނީ ޕޮޒިޓީވްވެފައެވެ. އެއީ ހުސް ބިދޭސީންނެވެ. އަދި އެ ބިދޭސީންގެ ތެރެއިން މިއަދާ ހަަމއަށް އައި އިރު 3 ފަރާތެއް ވަނީ މިބަލިން ރަނގަޅުވެފައެވެ.