އާސަންދަ ސްކީމްގެ ދަށުން އިންޑިއާއަށް ގޮސް ބޭސްފަރުވާ ކުރުމަށް ތިބި ދިވެހިން އަނބުރާ ރާއްޖެ އާދެވެންދެން އެ މީހުންގެ ހަރަދުތައް އާސަންދައިގެ ދަށުން ބަލަހައްޓަން ނިންމައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އާސަންދައިން ބުނީ، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އަވަށްޓެރި އިންޑިއާއަށް މިހާރު ގޮސްތިބި ދިވެހިންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ހަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި އެންސްޕާ ގުޅިގެން ބަލަހައްޓާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން އެކި ބޭނުންތަކަށް އިންޑިއާއަށް ދިޔުމަށް ފަހު، އަނބުރާ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭތޯ ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.

އާސަންދައިގެ ދަށުން މިހާރު އިންޑިއާގައި އެތައް ދިވެހިންނެއް އަންނަނީ ބޭސްފަރުވާ ކުރަމުންނެވެ. އެގޮތުން ބޭސް ަފރުވާ ނިމުމަށް ފަހު ރާއްޖެއަށް އަންނަން ބޭނުވެފައި ތިބި ދިވެހިންވެސް އެ ގައުމުގައި އެބަ ތިއްބެވެ. އެ ފަރާތްތަކަށް ރާއްޖެއަށް ނާދެވިފައިވަނީ މޯލްޑިވިއަންގެ ފްލައިތްތައް ކެންސަލް ކޮށް މިވަގުތު މޯލްޑިވިއަން އިންޑިއާށް ދަތުރު ނުކުރުމާ ގުޅިގެންނެވެ.

ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އިންޑިއާއިން މިއަދު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް، އިންޑިއާގެ އެއްވެސް އެއާޕޯޓަކަށް ބައިނަލްއަގުވާމީ ފްލައިޓްތައް ޖެއްސުން ވަނީ މަނާކޮށްފައެވެ. އެކަމާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން އިންޑިއާއަށް ކުރަމުން ދިޔަ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފައެވެ.

އިންޑިއާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 283 އަށް އަރާފައިވާ އިރު، އެ ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު މި ވަނީ 5 އަކަށް އަރާފައެވެ. މިހާރު އެ ގައުމުގެ އެތެރޭގައި ކުރާ ބަސްދަތުރުތަކާއި، ރޭލާއި މެޓްރޯ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. އަދި ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ އާންމުން ބޭރަށް ނުނިކުތުމަށް އިންޑިއާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.