ކޮވިޑް-19 އާ ގުޅިގެން އެހެން ގައުމުތަކުގައި ތިބި މެޑިސިން ކިޔަވާ ދިވެހި ކުދިން ގެންނަން ނިންމައިފިއެވެ.
ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެހެން ގައުމުތަކުގައި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ދަރިވަރުން ގެންނަނީ ކޮވިޑް-19 ޓާސްކްފޯހާއެކު މަސައްކަތް ކުރުމަށްޓަކައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިކަން ކުރަން ނިންމާފައި ވަނީ މިހާރު ރާއްޖޭގައި ޑޮކްޓްރީ ތަމްރީނު ލިބިފައިވާ މީހުންގެ އަދަދު ގިނަ ކުރުމަށް ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މެޑިސިން ކިޔަވާ ދަރިވަރުން ގެނައުމަށް ނިންމާފައިވީ ނަމަވެސް، ބައެއް ގައުމުތަކުގައި ތިބި ދަރިވަރުންގެ ކޮލެޖު/ޔުނިވާސިޓީތައް ބަންދުވެފައި ނުވާ ކަމަށާއި، އެ ދަރިވަރުންގެ ކްލާސްތައް ކުރިއަށްދާ ކަމަށެވެ. އެހެން ކަމުން، ކޮލެޖު/ޔުނިވާސިޓީތައް ބަންދުކޮށްފައިވާ ގައުމުތަކުގައި ތިބި ދަރިވަރުން ގެނައުމުގެ ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން 3 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ އިއުލާން ކޮށްފައެވެ. ކޮވިޑް-19 އިން ރަނގަޅުވި 3 މީހުންގެ ތެރެއިން ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. 3 ވަނަ އަށް ރަނގަޅުވި މީހާއަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރެވެ.
ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ. ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިރާނު، އިޓަލީ، ބަންގްލަދޭޝް، ޔޫކޭ، މެލޭޝިއާގެ އިތުރުން ސްޕެއިން ހިމެނެއެވެ. އަދި ސައުތް ކޮރެއާގެ ޑޭޔުން އަދި ޖެޔުން ގޮކް އިން އާއި ޖަރުމަނުގެ ބަވާރިއާ، ނޯތް ރައިން ވެސްޓްފޭލިއާ އަދި ބޭޑެން ވިރްތަމްބާގްގެ އިތުރުން ފްރާންސްގެ އިލް ޑި ފްރާންސާއި ގްރޭންޑް އެސްޓް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމާފައެވެ. އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް، އެއީ ދިވެހިން ކަމަށް ވިއަސް އަދި އެއީ ވިސާތަކުގައި ރާއްޖެ އެތެރެވާ ފަރާތްތައް ކަމަށް ވިއަސް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ.
އެކުދިންގެ ބޭނުން ކުރެވޭނެތާ އެހެންވެ މިހުދިން މިވަރުން މިގެންނަނީ.