މާލޭގައި ހޯމް އައިސޮލޭޓް ވުމަށް އަންގާފައިވާ ފަރާތްތަކުގެ ހާލު ބެލުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
މިކަމާ ގުޅިގެން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު މާލޭތެރޭގައި ޕްރޮޓެކްޓިވް ގިއާގައި ހަރަކާތްތެރި ވަނީ، ރާއްޖެއިން ބޭރުން އައި މީހުންގެ ތެރެއިން ހޯމް އައިސޮލޭޝަނަށް ފޮނުވާލި މީހުންގެ ހާލު ބެލުމަށް ކަމަށެވެ. އެގޮތުން އިއްޔެރޭ، ގިނަ އަދަދެއްގެ ދިވެހިން ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އައިސްފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން، ހޯމް އައިސޮލޭޝަން އެގްރީމަންޓްގައި ސޮއި ކުރުމަށް ފަހު އަމިއްލައަށް ގެއަށް ދިއުމަށް ދޫކޮށްލި ކަމަށެވެ.
މަބްރޫކް ވިދާޅުވީ، އެރޭ ބާރުބޮޑުވެގެން ކޮވިޑް-19 ޓާސްކްފޯހަށް ބައެއް މީހުން ގެއާ ހަމައަށް ގެންގޮސް ނުދެވުނު ކަމަށާއި، މިއަދު އެމީހުންގެ ހާލު ބެލުމަށް ޓާސްކްފޯހުން ގެތަކަށް ޒިޔާރަތް ކުރަމުންދާ ކަމަށެވެ. އަދި މިގޮތަށް ކުރާ ޒިޔާރަތް ތަކުގައި، ހޯމް އައިސޮލޭޝަނަށް ދާން އެންގި މީހުން އުޅޭ ގެތަކުގެ ހާލަތު ބަލަމުންދާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު، އެމްބިއުލާންސްގައި، ޕްރޮޓެކްޓިވް ގިއާގައި އުޅޭ މީހުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުންނެވެ.
ހޯމް އައިސޮލޭޝަން އެގްރީމަންޓްގައި ސޮއި ކުރި ބައެއް ފަރާތްތަކުން އެއާޕޯޓުން ގެއަށް ދިއުމަށް ފެރީ އަދި ޓެކްސީގެ ހިދުމަތްތައް ބޭނުން ކުރަމުންދާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި ފެރީތަކާއި ޓެކްސީތަކުގައި ދަތުރު ކުރީ ކިތައް މީހުންކަން އެނގޭނެ ގޮތެއް ނުވިއެވެ.
ޕްރޮޓެކްޓިވް ގިއާގައި ކަމާބެހޭ ފަރާތްތަކުން މާލެ ތެރޭގައި ހަރަކާތްތެރިވާ އިރު، ހޯމް އަައިސޮލޭޝަނަށް ދޫކޮށްލި މީހުން މާލެ ތެރެއަށް ނުކުމެ ނޫޅޭ ކަމުގެ ޔަގީންކަންވެސް ނެތެވެ. މާލޭގައި އާންމު ހިދުމަތް ދޭ ކެފޭ ރެސްތޓީރަންޓުތައް މިރެއިން ފެށިގެން ބަންދު ކުރާއިރު، މާލެ ސަރަހައްދުގައި އާންމުން އެއްވެ ނޫޅުމަށާއި އެމީހަކު، އެމީހެއްގެ ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމާފައެވެ. އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް، އެއީ ދިވެހިން ކަމަށް ވިއަސް އަދި އެއީ ވިސާތަކުގައި ރާއްޖެ އެތެރެވާ ފަރާތްތައް ކަމަށް ވިއަސް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ.
ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން 3 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ އިއުލާން ކޮށްފައެވެ. ކޮވިޑް19 އިން ރަނގަޅުވި 3 މީހުންގެ ތެރެއިން ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. 3 ވަނަ އަށް ރަނގަޅުވި މީހާއަކީ، ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރެވެ.