ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހޮލިޑޭ އައިލެންޑް ރިސޯޓާއި ބިޔާދޫ ރިސޯޓާއި ދިއްގިރީގެ އިތުރުން މަލަހިނި ކުޑަ ބަނޑޮސް ވެސް ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި މީހުން އެކަހެރިކުރާ ރަށްރަށުގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީނު ރަށްތަކެއްގެ ގޮތުގައި މި ރަށްތައް ދޫކޮށްފައިވަނީ ސަރުކާރުން އެއްވެސް ކުއްޔަށް ދައްކަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. އަދި އެރަށްތަށް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ދީފައިވަނީ އެރަށްތައް ހިންގާ ފަރާތްތަކުން ކަމަށް ސަރުކާރުން ބުނެއެވެ.
މިހާތަނަށް އައި އިރު ގާސިމްގެ ދެ ރިސޯޓެއް ވަނީ ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދީފައެވެ. މިގޮތަށް ގާސިމް ނިންމެވީ، ރާއްޖޭގައިވެސް ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކޮށް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން މިހާރު ވިލާގެ 5 ރިސޯޓުގެ ތެރެއިން ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއަކަށް ހަމަޖައްސާފައި ވަނީ ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓެވެ.
ސަރުކާރުން މިހާރު ވަނީ ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހު ކަރަންޓީނުގައި ބަހައްޓާށެވެ. އެހެންވެ، ގިނަ ކޮޓަރިތަކެއް އެކަމަށް ބޭނުންވެއެވެ. އެ އަދަދަށް ކޮޓަރި ހަމަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގެ ކޮވިޑް19 ގެ ހާލަަތަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 10 މީހުންނެވެ.