ސޭންޑީޒް ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އިތުރު މީހަކު ޓެސްޓު ކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރު ގޭގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މަބަރޫކް ވިދާޅުވީ ސޭންޑީޒް ބަތަލާ ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އިތުރު މީހަކު ޓެސްޓު ކުރަމުންދާތީ އެ ރިސޯޓު އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ލެވިފައިވާ ކަމަށެވެ.

މި ރިސޯޓުން އިތުރު މީހަކު ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރަމުގެ މަސައްކަތް ކުރަމުން ދާއިރު، މީގެ ކުރިންވެސް އެ ރިސޯޓުން ދެ މީހަކު ވަނީ ކޮވިޑް19 ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެދެ މީހުންވެސް މިހާރު ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަދުވެސް ސަރުކާރުން ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ރަނގަޅު ވެފައިވާ ކަމަށް ބުނެފައެވެ. ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ހުސް ބިދޭސީން ނެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެިއން ތިން މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.