ކޮވިޑް19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި 580 ސާމްޕަލްވެސް ނެގެޓިވް ކަމަށާއި، އަދި ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލްއެއް ނެތް ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން ނެގި ސާމްޕަލްތަކުގެ ތެރެއިން 580 މީހެއްގެ ސާމްޕަލްއެއް ނެގެޓިވް ވެފައިވާ ކަމަށާއި، އޭގެތެރެއިން ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލްއެއް ނެތް ކަމަށެވެ. އެގޮތުން ޖުމްލަ ނެގުނު ސާމްޕަލްގެ އަދަދަކީ 593 ސާމްޕަލް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީ ވިލިވަރުގައި 28 ފަރާތެއް ކަރަންޓީން ކޮށްފައިވާ ކަމަށާއި، ހުޅުލޭ ކަރަންޓީން ފެސިލިޓީގައި 126 ފަރާތެއް، ފަން އައިލެންޑް ކަރަންޓީން ފެސިލިޓީގަ 59 ފަރާތެއް އަދި ވެލިދޫ ކަރަންޓީން ފެސިލިޓީގައި 16 ފަރާތެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 3 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި،، މާލޭގައި ކަބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.