ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި އިތުރު މީހަކު ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ރަނގަޅު ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި މީހެއް ކަމަށެވެ. އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ފަރުވާދެމުން ގޮސްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގައިކަމަށް މުރާދު ވިދާޅުވިއެވެ.

އަދި އެމީހަގެ އޭނާގެ ފުރަތަމަ ޓެސް މިމަހުގެ 18ވަނަ ދުވަހު ހެދުމަށްފަހު، އިތުރަށް ޔަގީން ކުރުމަށްޓަކައި މިމަހުގެ 20ވަނަ ދުވަހު ހެދި ދެވަނަ ޓެސްޓުންވެސް ނެގެޓިވް ވުމުން އޭނާ އެބަލިން ރަނގަޅު ވެފައިވާކަމަށް ނިންމާފައި ވާކަމަށެވެ. ޑރ. މޫސާ ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހަކު އެ ބަލިން ރަނގަޅުވި ކަމަށް ޑަބްލިއުއެޗްއޯއިން ބަލާ މިންގަޑަކީ ދެ ޓެސްޓު ކުރުމަށް ފަހު އެ ބައްޔަށް ނެގެޓިވް ވުން ކަމަށެވެ. ނަމަވެސް މި މީހާ އެ ބަލިން ރަނގަޅުވި ކަމުގަ ވިޔަސް އޮންނަ އުސޫލުގެ މަތިން ކަރަންޓީން ކުރެވޭނެ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 3 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ. ރާއްޖޭގައި މި ބަލި ފެތުރެމުންދާތީ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.