ވޯކް ވިސާ އަދި ޓްރެވެލް ޑޮކިއުމެންޓް ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ދިވެހި ސަރުކާރުގެ ހަރަދުގައި އެބައެއްގެ ގައުމަށް އަނބުރާ ފޮނުވާލަން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ބުނީ، މިވަގުތު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވޯކްވިސާ އަދި ޓްރެވަލް ޑޮކިއުމެންޓެއް ނެތް ފަރާތްތަކުން، ދިވެހި ސަރުކާރުގެ ހަރަދުގައި އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި އެމީހުން އަނބުރާ ގައުމަަށް ދާން ބޭނުންވާ ލިޔެކިޔުންވެސް އެގައުމެއްގެ ހައިކޮމިޝަން ނުވަތަ އެމްބަސީން ހޯދައިދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީން އެ މިނިސްޓްރީއަށް ހާޒިރު ނުވެ، ޕާސްޕޯޓް ނަންބަރު ނުވަތަ އައިޑީ ނަންބަރު އެ މިނިސްޓްރީގެ ނަންބަރު 7205648 އަށް ފޮނުވާލަ ދިނުމަށެވެ. އަދި ޕާސްޕޯޓް ނަންބަރު ނުވަތަ އައިޑީ ނަންބަރު ފޮނުވާލަ ދިނުމުން އެކަމާއި ގުޅޭ މުއާމަލާތްތައް ހިނގަން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ވާކް ވިސާ ނެތި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުން ދެއެވެ. އޭގެތެރޭގައި އެންމެ ގިނައީ ބަންގަލަދޭޝްއަށް ނިސްބަތްވާ ރައްޔިތުންނެވެ.