އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

‏އެޗްޕީއޭ އިން ބުނީ ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 2 މީހަކު ވަނި ރަނގަޅު ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ސަރުކާރުން ވަނީ ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.