ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް، އެއީ ދިވެހިން ކަމަށް ވިއަސް އަދި އެއީ ވިސާތަކުގައި ރާއްޖެ އެތެރެވާ ފަރާތްތައް ކަމަށް ވިއަސް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ.

ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރީސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް އަންގާފައިވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

އަދި އެ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިއިދާރާ ތަކަށާއި ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން ދެ މީހަކު ރަނގަޅުވެއްޖެ ކަމަށް އެޗްޕީއޭ އިން ވަނީ އިއުލާން ކޮށްފައެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަބްްދުﷲ އަމީން ވިދާޅުވީި، އައިޖީއެމްއެޗް އައިސީޔޫގައި ވަރަށް "ކްރިޓިކަލް" ހާލަތުގައި ފަރުވާދެމުން ދިޔަ މީހާ އާއި އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ދެވަނަ މީހާ އެ ބައްޔައް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އެ މީހުން ނެގެޓިވްވުމާ ގުޅިގެން އޮންނަ ޑަބްލިޔުއެޗްއޯ ޕްރޮޓޮކޯލްގެ ތެރެއިން އެ މީހުން ހޮސްޕިޓަލުން ދޫކޮށްލުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

ކޮވިޑް19 އިން ފަސޭހަވެފައިވާ ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ދެ މީހުންނަށްވެސް މިހާރު ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އޭގެ ތެރެއިން 70 އަހަރުގެ މީހާ ހާލު ދެރަވެގެން ދަރުމަވަންތައަށް ބަދަލުކޮަށް ފަރުވާދޭން ފެށީ މި މަހުގެ 10 ވަނަ ދުވަހެވެ.