ޒުވާނުންނަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވުމުން ސަލާމަތްވެ ދިފާއީ އިމިއުނިޓީ ލިބިފައިވާ ބައެއް ނޫންކަމަށާ، އިޖުތިމާއީ އެއްވުންތަކާ ހަރަކާތްތަކުގައި ބައިވެރިވެ، ދޮށީ އުމުރުގެ މީހުންނާ ބަލީގެ ތަކުލީފު ބޮޑުވެގެންދާ ގިންތިތަކުގެ މީހުންނަށް މި ބަލި ފެތުރުމުގެ އަމަލުތަކުން ޒުވާނުން ދުރުހެލިވާންޖެހޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އިންޒާރުކޮށްފިއެވެ.

ޑަބްލިއު.އެޗް.އޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ޒުވާނުންގެ ނިންމުންތަކަކީ އެހެން މީހެއްގެ 'ދިރިހުރުމާ މަރާ' ގުޅިފައިވާ ކަމެއް ކަމަށެވެ.

އުފާވެރި ވަގުތަކޮޅެއް ހޭދަކުރަމުންދާ ޒުވާނުންތަކެއް/ފޮޓޯ: ޓީން ވޯގް

ޒުވާން ޖީލާ މެދު ޑރ ޓެޑްރޯޒް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ދެމުންދާ އިންޒާރުތަކާ ނެރެމުންދާ އަމުރުތަކަށް ޒުވާނުން ބޯނުލަނބާ ކަމުގެ ޝަކުވާ، ދުނިޔޭގެ އެކި ހިސާބުތަކުން ފެންމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

ޒުވާނުން މިފަދަ ގޮތަކަށް އުޅުން ބައްޓަންކޮށްފައިވަނީ ކޮވިޑް-19ގެ ބަލި ފެށިގެން އައި ދުވަސްވަރު، ބަލީގެ ހާސްކަން ކުޑަ ކުރުމުގެ ނިޔަތުގައި ނަމަވެސް ވާހަކަދެކެވުނު ރޫހެއްގެ ސަބަބުން ކަމުގައި ވުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ކޮވިޑް-19ގެ އަލާމާތްތަކަށް ފަރުވާ ކުރެވޭ ކަމަށާ، ބަލިޖެހުމުން ނުރައްކާ ބޮޑުވަނީ އުމުރުން ދުވަސްވީ މީހުން ނުވަތަ ދޮށީ އުމުރުގެ މީހުންނާ ދިގުމުއްދަތުގެ ބަލިތަކުގެ މީހުންނަށް ކަމަށް ސިއްހީ މާހިރުންވެސް ގެންދެވީ ވަކާލާތުކުރައްވަމުންނެވެ.

ނުރައްކާތެރި 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އޮތް ހާލުބޮޑު މީޙަކަށް ފަރުވާ ދެނީ/ފޮޓޯ: އޭޕީ ފޮޓޯ

ސުވިޓްޒަލަންޑްގެ ޖެނީވާގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ ޓެޑްރޯޒް ވިދާޅުވީ، ކޮވިޑް-19ގެ ނުރައްކާ، ދޮށީ އުމުރުގެ މީހުންނަށް ބޮޑުވިކަމުގައި ވީ ނަމަވެސް ޒުވާނުންނަށް ވަކި އެ ނުރައްކާ ކުޑަ ނުވާ ކަމަށެވެ.

އިންޒާރު ދެނިވި ރޫހެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ޒުވާނެއް ކަމަކު ކޮވިޑް-19ގެ ޝިކާރައަކަށްވެސް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާކުރަންޖެހިދާނެ ކަމަށާ، އަދި އެބަލީގައި އެ ޒުވާނަކު މަރުވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. ޒުވާނަކު ބަލި ނުވިކަމުގައި ވީ ނަމަވެސް، އޭނާ ނިންމާ ނިންމުމެއްގެ ސަބަބުން އިތުރު މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރުވެސް ޑރ ޓެޑްރޯޒް ވަނީ ދެއްވާފައެވެ.

ސައުދީ އަރަބިއްޔާގައި އަންހެނަކާ ފިރިހެނަކު އެކުގައި ރެސްޓޯރަންޓްއަކަށް ދަނީ/ފޮޓޯ: ރޮއިޓާޒް

ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ހެދިފައިވަނީ ނިސްބަތުން މަދު ދިރާސާތަކެކެވެ. ނަމަވެސް މި ދިރާސާތައް ބުނާ ގޮތުގައި ކޮވިޑް-19ގެ އިންފެކްޝަންގެ ޝިކާރައަކަށްވުމުގެ ފުރުސަތު ހަމަ ކޮންމެ އުމުރަކަށްވެސް އެބައޮތެވެ.

ކަންމިހެން އޮތްއިރު ޑަބްލިއު.އެޗް.އޯއިން މިހާރު ދަނީ އިޖުތިމާއީ ދުރުހެލިކަމުގެ ބަދަލުގައި ޖިސްމާނީ ދުރުހެލިކަން ޕްރޮމޯޓްކޮށް، އެކަމަށް ހިތްވަރު ދެމުންނެވެ. އެކެއް އަނެކަކާ އޮންނަ ގުޅުން ދަމަހައްޓަން އެދޭ ކަމަށާ، ނަމަވެސް ޖިސްމާނީ ގޮތުން ގާތް ނުވެ އެގުޅުން ދެމެހެއްޓޭނެ މަގުތައް ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ދަނީ ގޮވާލަމުންނެވެ.