ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 1284އަށް އަރައެވެ. މި ބަލީގައި ކޮންމެ 10 މިނެޓަކުން މީހަކު މަރުވާ ކަމަށާ، ކޮންމެ ގަޑިއިރަކުން 50 މީހަކު މި ވައިރަހަށް ޕޮޒިޓިވް ވާކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

އީރާނުގެ ޒަމާންވީ އަދުއްވު ކަމަށްވާ އެމެރިކާއިން އަދިވެސް ދަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއު މަޑުޖައްސާލުމުގެ ނަމުގައި އީރާނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް ހަމަ އެގޮތުގައި ތަންފީޒު ކުރަމުންނެވެ. ވީ އެންމެ ބޮޑަކަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. އެމެރިކާއިން ވަކާލާތުކުރާ ގޮތުގައި، އީރާނަށް އިންސާނީ އެހީތެރިކަން ނުލިބެނީ މި ފިއްތުންތަކާ ފިޔަވަޅުތަކުގެ ސަބަބަކުން ނޫނެވެ. މިއާއެކު އެމެރިކާއިން ވަނީ ނިމިދިޔަ ހަފުތާ ތެރޭގައިވެސް އިރާނާ ދެކޮޅަށް، ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.

އީރާނާއެކު ޕެޓްރޯކެމިކަލް ވިޔަފާރި ކުރަމުން ދިޔަ ކުންފުނިތަކެއް އެމެރިކާއިން ވަނީ ބްލެކްލިސްޓް ކޮށްފައެވެ. އޭގެ ތެރޭގައި އެކުވެރި އަރަބި އިމާރާތުގައި އޮޕަރޭޓްކުރާ 5 ކުންފުންޏަކާ، ޗައިނާގައި ހިންގާ 3 ކުންފުންނެއްގެ އިތުރުން ހޮންގްކޮންގްގައި އޮޕަރޭޓްކުރާ 3 ކުންފުންޏަކާ ދެކުނު އެފްރިކާގައި އޮޕަރޭޓްކުރާ ކުންފުންޏެއް ހިމެނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެ ކުރިމަތިލާ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ދޭންވީ މި ދަނޑިވަޅުގައި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިމަތިކުރަމުންދާ ފިއްތުންތައް އިތުރަށް ވަރުގަދަ ކުރުމަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް އީރާނުގެ އޮފިޝަލެއް ވަނީ ސިފަކުރައްވާފައެވެ.

އީރާނުގެ މަސްރަހަށް އެމެރިކާގެ ހާއްސަ މަންދޫބު ބްރާޔަން ހުކް ވިދާޅުވާ ގޮތުގައި ވީއެންމެ ހަރުކަށި ގޮތެއްގައި އީރާނާ ދެކޮޅަށް ތަންފީޒުކުރަމުންދާ ފިއްތުންތައް އެގޮތުގައި ކުރިއަށްދާނެއެވެ. އަދި އެމެރިކާއިން ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އީރާނަށް ލިބޭ އެހީ ހުއްޓުވާ ފިޔަވަޅުތަކެއް ނޫންކަމަށްވެސް އޭނާ ވަނީ ވަކާލާތުކުރައްވާފައެވެ.

ހުކް އިތުރަށް ވިދާޅުވީ އެމެރިކާގެ ފަރާތުން އީރާނަށް އެހީއާއިއެކު އެމެރިކާއިން ފޮނުވިކަމަށާ، ނަމަވެސް އީރާނުން އެ އެހީގައި ހިފުމަށް އިންކާރު ކޮށްފައިވާކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން އީރާނުގެ ރައްޔިތުންނަށް މިވަރުގެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވަނީ ޓެރަރިޒަމްއާއި ހަނގުރާމަތަކަށް އީރާނުގެ ސަރުކާރުން ބިލިއަނުން ފައިސާ ޚަރަދުކުރުމުގެ ސަބަބުން ކަމަށްވެސް ހުކް ވަނީ ތުހުމަތުކުރައްވާފައެވެ.

އެމެރިކާގެ ފިކުރު މިފަދަ ގޮތަކަށް ހުރިއިރު އީރާނުން ވަނީ ހެޔޮނިޔަތުގައި ކަމެއް ކޮށްދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބުނެ، ހަގީގަތުގައި ޖަލުގައި ހުންނަންޖެހޭނެ ކަމަށް އީރާނުން ގަބޫލުކުރާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ މައިކަލް ވައިޓް މިނިވަންކޮށްފައެވެ.

މީގެ އިތުރުން ޗައިނާއާއި ޕާކިސްތާނު ފަދަ ގައުމުތަކުން ދަނީ ކޮވިޑް-19އާ ދެކޮޅަށް އީރާނުން ހަނގުރާމަކުރަމުންދާ މި ދަނޑިވަޅުގައި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދާ ދިނުމަށް، އީރާނަށް ބޭނުންވާ އިންސާނީ އެހީ ލިބޭނެ މަގު ފަހިކޮށްދިނުމަށް ވަކާލާތު ކުރަމުންނެވެ.